އެސްޓީއޯއިން ތެޔޮ އަގު ހެޔޮ ކުރިކަން މިއަދު އިއުލާނު ކޮށްފިއެވެ. ތެލާއި ޑީސަލް އަގު ހެޔޮ ކުރި ގޮތް ދައްކައިދޭ ކުރެހުމަކާއެކު މިއަދު އާންމު ކުރި އަގު ތަކުގައި ވާގޮތުން ޕެޓްރޯލް ލީޓަރެއް މިހާރު 11 ރުފިޔާ 13 ލާރިއަށް ލިބޭނެއެވެ. އަދި ޑީސަލް ލީޓަރެއް ލިބޭނީ 11 ރުފިޔާ 19 ލާރި އަށެވެ.

ހުސްވި ރޯދަ މަސް ފެށުނު އިރު އެސްޓީއޯ އިން ވަނީ ބޮޑު ތަނުން ތެލާއި ޑީސަލްގެ އަގު ބޮޑު ކޮށްފައެވެ. ނިމިދިޔަ މޭ މަހު އަގަށް ބަދަލު ގެނައުމުގެ ކުރިން ޕެޓްރޯލް ލީޓަރެއް 10 ރުފިޔާ 79 ލާރިއަށް ލިބެން ހުއްޓެވެ. އަދި ޑީސަލް ލީޓަރެއް އޭރު ވިއްކީ 11 ރުފިޔާ 61 ލާރި އަށެވެ. ރޯދަ މަސް ތެރޭގައި ޕެޓްރޯލް ލީޓަރެއް ވިއްކީ 11 ރުފިޔާ 49 ލާރިއަށެވެ. އަދި ޑީސަލް ވިއްކަމުން ދިޔައީ 12 ރުފިޔާ 11 ލާރިއަށެވެ.

މި އަގުތަކަށް ބަލާ އިރު މިއަދު އިއުލާނު ކުރި އަގުތަކަކީ ހެޔޮ އަގުތަކެކެވެ. އެހެން ނަމަވެސް ރޯދައިގެ ކުރިން ހުރި އަގަށް އަދިވެސް ޕެޓްރޯލް ތިރިއެއް ނުވެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުސްވި އޭޕްރީލް މަހު 75 ޑޮލަރަށް އަރައިގެން ދިޔަ އިރު ބޮޑު ނުވާ ވަރަށް، މޭ މަހު ދުނިޔޭގެ ބާޒާރުގައި ތެޔޮ 70 ޑޮލަރަށް ވެއްޓުނީމާވެސް، އެސްޓީއޯއިން ވަނީ ބޮޑު ކޮށްފައެވެ. މިއަދު ދުނިޔޭގެ ބާޒާރުގައި ތެޔޮ ވަނީ 60 ޑޮލަރަށް ވެއްޓިފައެވެ. އަދި ތެލުގެ ބާޒާރުގެ ފޯކާސްޓް ދައްކާ ގޮތުން ކުރިއަށް އޮތް ހަފްތާ، ދެހަފްތާގައިވެސް ތެލުގެ އަގު ދާނީ ދަށްވަމުންނެވެ.