ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމި ނިންމުން ދެމި އެބައޮތް ކަމަށް ޖުޑީޝަލް ކައުންސިލުން ދާދި ދެންމެ އަކު ނިންމައިފިއެވެ.
ޖިނާއީ މައްސަލައަކާ ގުޅިގެން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރީ އިއްޔެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީއަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން އެކޮމިޝަނުން އޭނާ ސަސްޕެންޑް ކުރުމުން، ސްޕްރީމް ކޯޓުން ވަނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށާ، އަބްދުﷲ ދީދީގެ މައްޗައް އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށް ބުނެ ޖޭއެސްސީއަށާ ކަމާ ގުޅުން ހުރި އެހެން މުއައްސަސާތަކުގެ މައްޗަށް އަމުރު ކޮށްފައެވެ.
ސްޕްރީމް ކޯޓުގެ އެ ކުއްލި އަމުރާ ގުޅިގެން މިރޭ 8 މެންބަރުންގެ މައްޗަށް އެކުލެވޭ ޖުޑީޝަލް ކައުންސިލުން ބައްދަލުވުމެއް ބާއްވައި 5 މެންބަރުންގެ އަޣުލަބިއްޔަތުން ނިންމީ، ސްޕްރީމް ކޯޓުގެ އެ އަމުރަކީ ގާނޫނު އަސާސީގެ 159 ވަނަ މާއްދާގެ (ށ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) އިން ލިބިދީފައިވާ ބާރަށް ހުރަސް އެޅޭ ގޮތަށް، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބަށް ހުރަސް އަޅާ އަމުރެއް ކަމަށެވެ.
އެހެން ކަމުން އެ ކޮމިޝަނުން އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން ދެމި އެބަ އޮތް ކަމަށް މިރޭގެ ބައްދަލުވުމުގައި ވަނީ ކަނޑައަޅާފައެވެ.
އަށް މެންބަރުންނާއެކު މިރޭ ބޭއްވި ބައްދަލުވުން ފެށީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުވެސް ހިމެނޭ ގޮތުންނެވެ. ނަމަވެސް އެއީ މަސްލަހަތު ފުށޫއަރާ ކަމަކަށް ވާތީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ބައްދަލުވުން ދޫކުރައްވާ ވަޑައިގަތުމުން ދެން ބައްދަލުވުން ކުރިއަށް ގެންދިޔައީ 7 މެންބަރުން ތިއްބަވައިގެންނެވެ.