ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން ދާއިމީ ކޮމިޓީތަކުގެ މުގައްރިރުންނަށް މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރުވޭނެ ގޮތަށް އޮފީސްތަކެއް ގާއިމް ކުރަން ނިންމައިފިއެވެ.

މަޖިލިސް ކުރާ ގެގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ދާއިމީ 17 ކޮމިޓީއެއްގެ މުގައްރިރުންނަށް މަޖިލީހުގައި ދާއިމީ ގޮތެއްގައި ތިއްބަވައިގެން މަސައްކަތް ކުރައްވާނެ ވޯކް ސްޓޭޝަންތަކެއް ގާއިމް ކުރަން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ އެދިވަޑައިގަތުމުގެ މަތިން، އެ މަސައްކަތް އަންނަ ހަފްތާގައި ފަށަން ނިންމަވާފައިވާ ކަމަށެވެ.

ކުރިން މަޖިލީހުގައި ދާއިމީ 11 ކޮމިޓީއެއް އޮތް ނަމަވެސް، އާ މަޖިލީހުން ވަނީ ދާއިމީ ކޮމިޓީގެ އަދަދު އިތުރުކޮށްފައެވެ. އެހެންކަމުން ކޮމިޓީގެ މަސައްކަތްތައް ފަށައިގެން ކުރިއަށް ގެންދާއިރު ޖާގައިގެ ދަތިކަން ދިމާވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ. އަދި ކޮމިޓީތަކުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދިއުމަށް ވަގުތީ ކޮމިޓީ ރޫމެއް ހަދަން ވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ނިއުޝާ ވިދާޅުވިއެވެ.

މަޖިލީހުގައި މިހާރު ހުންނަނީ ތިން ކޮމިޓީ ރޫމެވެ. އަދި ކޮންމެ ދުވަހަކު ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ގެންދާ އިރު ޖާގައިގެ ދަތިކަން ދިމާވަމުންދާކަމަށް މަޖިލީހުން ބުނެއެވެ.