މަތީ ތައުލީމަށް ކިޔެވުމަށް މިހާތަނަށް ލޯނަށް އެދި ހުށަހަޅާފައިވަނީ 62 ފަރާތަކުން ކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރިން އިއުލާން ކޮށް، ގިނަ ފަރާތްތަކަކުން ލޯނަށް ހުށަހަޅާފައިވީ ނަމަވެސް، އާންމު ކުރެވުނު އުސޫލާއި އިއުލާނާއި ހިލާފަށް އެޕްލިކޭޝަން ހުށަހަޅާފައި ވާތީ ގިނަ ފަރާތްތަކެއް ވަނީ ޑިސްކޮލިފައިވެފައެވެ. މިކަމާއި ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓާ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، ގިނަ ފަރާތްތައް ޑިސްކޮލިފައިވި ސަބަބު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަ ކުރާނެ ކަމަށެވެ. ގިނަ ފަރާތްތައް ޑިސްކޮލިފައި ވުމާއި ގުޅިގެން، ބާކީ ހުރި ޖާގަތަކުގައި ކިޔެވުމަށް އަނެއްކާވެސް ހަޔާ އެޑިއުކޭޝަނުން މިނިސްޓްރީން ވަނީ ލޯނަށް އިއުލާން ކޮށްފައެވެ.
މި ފަހަރު ލޯނަށް އެދުމުގެ ފުރުސަތު އޮންލައިން ކޮށްވެސް ހުޅުވާލާފައިވާއިރު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޮންލައިންކޮށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލީ ވީހާވެސް ގިނަ ކުދިންތަކަކަށް އެއްފަހަރާ ފޯމު ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. މިދިޔަ ފަހަރާ ހިލާފަށް މިފަހަރު ފޯމަށް އެދޭ ފަރާތްތަކުން ބޭނުން ގައުމެއްގައި ތިބެގެން ތައުލީމް ހާސިލް ކުރުމަށް ފޯމް ހުށަހެޅޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ ފަހަރު ލޯނަށް އެދުމަށް ހުޅުވާލުމުން އެ މިނިސްޓްރީން ފުރުސަތު ދީފައި ނުވާ އެހެން ގިނަ ގައުމުތަކަކުން ތައުލީމް ހާސިލް ކުރުމަށް ދަރިވަރުން ފޯމު ހުށަހަޅާފައި ވާކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އަލުން އިއުލާން ކުރާ އިރު ކުރިން ޑިސްކޮލިފައިވެފައިވާ ކުދިންނަށް ސްޓޫޑެންޓް ޕޯޓަލްއިން އެކުދިންގެ ކުރީގެ އެޕްލިކޭޝަނަށް އެކްސެސް ވެވޭގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ކުދިނަށް އަލުން ޓައިޕްކޮށް އެޕްލިކޭޝަން ފޯމް ފުރިހަމަކުރަން ނުޖެހޭނެ ކަމަށާއި ހަމައެކަނި ޑިސްކޮލިފައިވީ ސަބަބު ބެލުމަށްފަހު އެކަން ރަނގަޅުކުރުމަށް ފުރުސަތު ދެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިފަހަރު ލޯނަށް އެދުމުގެ ފޯމު ހުށަހެޅުމުގައި ލިޔުން ތަކުގައި ޖަހަންޖެހޭ ތައްގަނޑުތައް ހަމަކުރުމަށާ، އެޕްލިކޭޝަން ފޯމާ އެކު ހުށަހަޅަންޖެހޭ ސައްހަ ލިޔެކިޔުންތައް ހުށަހެޅުމަށްވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ. އެ މިނިސްޓްރީން އަލުން ލޯނަށް އެދުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލާފައި ވަނީ އެމިނިސްޓްރީން ފުރަތަމަ ހުޅުވާލި ފުރުސަތުގައި ގިނަ ފަރާތްތަކަކުން ފޯމު ފުރުމުގައި ޖެހިފައިވާ މައްސަލަތަކަކުން އެ ފޯމްތައް އަލުން ބާތިލް ކުރަން ޖެހުމުން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.