އެޑިއުކޭޝަން މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީއެއް އައްޔަންކޮށްފިއެވެ.
އެޑިއެކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީއަށް އަލަށް އައްޔަނުކުރެވުނު ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ މިއަދު މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައިވާ ކަމަށެވެ.
އަހުމަދު އަލީ އަކީ ސަރުކާރުގެ އެކި ވަޒީފާތަކުގައި 10 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2000 ވަނަ އަހަރު އޯލެވެލް ނިންމުމަށްފަހު ވަގުތީ ޓީޗަރެއްގެ ވަޒީފާ އަދާކުރައްވަން ފެށްޓެވި ހިސާބުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ދައުލަތުގެ އެކި ވަޒީފާތަކުގައި ވަނީ މަސައްކަތް ކުރައްވާފައެވެ.
2013 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަގާމަށް އައްޔަނު ކުރެވުނު ހިސާބުން ފެށިގެން އެ ކޮމިޝަނުގެ ޑިވިޝަން ހެޑެއްގެ ޒިންމާ އަހުމަދު އަލީ އަދާކުރައްވާފައި ވެއެވެ. އަދި 2015 ގައި އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރި ހިސާބުން ފެށިގެން ފެބްރުއަރީ 2018 ގެ ނިޔަލަށް އެ ކޮމިޝަނުގެ އިދާރާ ހިންގުމުގެ އެންމެ އިސް ވެރިއެއްގެ ޒިންމާ ވެސް އޭނާ އަދާ ކުރެއްވިއެވެ. 2008 – 2013 ގެ ނިޔަލަށް 3 ސުކޫލެއްގައި ޕްރިންސިޕަލެއްގެ ވަޒީފާ ވެސް އޭނާ އަދާކުރައްވާފައި ވެއެވެ.
އަހުމަދު އަލީ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން އިން ބެޗްލާ އޮފް ޓީޗިންގް ސެކަންޑަރީ (ހިސާބު އަދި ކެމިސްޓްރީ އިން) ފުރިހަމަ ކުރައްވާފައެވެ. އަދި 2008 ވަނަ އަހަރު އިންޑިއާގެ މައިސޫރު ޔުނިވާސިޓީ އިން މާސްޓާ އޮފް އެޑިޔުކޭޝަން އިން ސްކޫލް މެނޭޖްމަންޓް ހާސިލްކުރެއްވެވިއެވެ.
އަހުމަދު އަލީ ޕީއެސްގެ މަގާމަށް އައްޔަން ކުރެއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް ވަނީ ސިވިލް ސާވިސްގެ ގަވާއިދާއި އެއްގޮތަށް އަދި މިނިސްޓަރުގެ ލަފަޔާއެކު މިނިސްޓްރީގެ މަސައްކަތްތައް ހިންގަވާ ދެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި އޮފީސް ހިންގެވުމުގައި ސިވިލް ސާވިސްގެ މުވައްޒަފުންނާ ގުޅިގެން އެކުއެކީގައި މިނިސްޓްރީއަށް ސަރުކާރުން ކަނޑައަޅާފައިވާ އިހުތިސާސް އާއި ސިޔާސަތު ތަންފީޒުކޮށް ދެއްވުމުގައި ތެދުވެރިކަމާއި ނަޒާހަތްތެރިކަމާ އެކު މަސައްކަތް ކޮށްދެއްވުމަށް ވެސް ކޮމިޝަނުގެ ނައިބު ރައީސް އެދިވަޑައިގެންފައި ވެއެވެ.