އދ. މަހިބަދޫއިން ސިރިންޖްތަކެއް ވަގަށް ނެގި މީހާ މަސްތުގެ ހާލަތުގައި ހުއްޓާ ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން ބުނީ، އެރަށުގެ ފާމަސީއެއްގައި މަސައްކަތް ކުރަމުން އައި ބިދޭސީ ފާމަސިސްޓަކަށް ރޭ ތޫނު އެއްޗަކުން ބިރު ދެއްކުމަށްފަހު އެ ފާމަސީން ތިން ސިރިންޖު ފޭރިގެންފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 9:00 ހާއިރު ކަަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ އެ ރަށުގެ މަގުމަތިން މީހަކު ހުއްޓުވައި ހައްޔަރު ކޮށްފައެވެ. ހައްޔަރުކޮށްފައިވާ މީހަކީ އުމުރުން 36 އަހަރުގެ ފިރިހެނެކެވެ. އެމީހާ ހައްޔަރުކުރި އިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ދަނީ އިތުރަށް މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުން މިފަދައިން ސިރިންޖް ބޭނުންކޮށްގެން ހަށިގަނޑަށް މަސްތުވާތަކެތި ބޭނުންކުރެއެވެ. މީގެ ކުރިންވެސް ސިރިންޖް ފޭރުމުގެ ހާދިސާތައް ހިނގާފައިވާ ކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން ފާމަސީތަކުން ޑޮކްޓަރެއް ސޮއިކޮށްފައިވާ ބޭސްސިޓީއަކާ ނުލާ ސިރިންޖް ވިއްކުން ވަނީ މަނާވެސް ކޮށްފައެވެ.