އިންތިހާއަށް ފުން، ދަރަނީގެ އަނދަވަޅަކަށް ގައުމު ވައްޓާލި 'އިގުތިސޯދީ ވަގުން' ހައްޔަރު ކުރައްވަން، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވައުދުވެ ވަޑައިގެންފިއެވެ.

ސިޔާސީ މައިދާނުގައި ހަރަކާތްތެރި ވަމުންދިޔަ އިސް ފަރާތް ތަކެއް، ކޮރަޕްޝަންގެ ތުހުމަތު ތަކެއްގައި ހައްޔަރު ކުރަމުންދާ މައްސަލަ ދިފާއު ކުރައްވާ އިމްރާން ވަނީ، ފާއިތުވީ 10 އަހަރު ދުވަހުގެ ތެރޭގައި ޕާކިސްތާނު ދަރާފައިވާ ދަރަނިތައް ބަލާ ދިރާސާ ކުރުމަށް، ހާއްސަ ބަރުތަކެއް ލިބިފައިވާ ކޮމިޝަނެއްވެސް އުފައްދަވާފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ހުށަހެޅިގެންދިޔަ ދައުލަތުގެ އަހަރީ ބަޖެޓާ ގުޅިގެން ދަންވަރުގެ ވަގުތުގައި ދެއްވި ހިތޯބެއްގައި އިމްރާން ވިދާޅުވީ، ޕާކިސްތާނުގެ ދަރަނި، 6 ލައްކަ ކްރޯރުން 30 ލައްކަ ކްރޯރަށް 10 އަހަރު ތެރޭގައި އިތުރުވެފައި ވާކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ގައުމު މިހާރު ހަމައަކަށް އެޅިފައިވާކަމަށާ، ދެން އޮތީ ކޮރަޕްޓް ވެފައިވާ ޕޮލިޓީޝަނުންގެ ފަހަތުން ވަޑައިގަތުންކަމަށެވެ. އަދި ފާއިތުވީ 10 އަހަރު، ޕާކިސްތާނުގެ އިސް މަގާމުތަކުގައި ތިއްބެވި ލީޑަރުންނަށް ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމުގެ އިންޒާރުވެސް އިމްރާން ވަނީ ދެއްވާފައެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފު މިވަގުތު ޖަލުގައި ހުންނެވިއިރު ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ކޮރަޕްޝަންގެ ތުހުމަތުތަކުގައި، އެ ގައުމުގެ ކުރީގެ ރައީސް އާސިފު އަލީ ޒަރުދާރީއާއި ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ލީޑަރު ހަމްޒާ ޝަހުބާޒުވެސް ދާދި ފަހުން ވަނީ ހައްޔަރުކޮށްފައެވެ.