މަގު ހެދުމުގެ މަޝްރޫއުތަކުގެ ތެރެއިން ހަތް ރަށެއްގެ މަގުތަކުގެ ޑިޒައިނަށް ބަދަލުގެންނަން ނިންމައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، މަގުތަކުގެ ޑިޒައިނަށް ބަދަލު ގެނެސްގެން ކުރިއަށް ގެންދާ މި މަޝްރޫތަކަށް 211 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ. މި މަޝްރޫއު ތަކަކީ ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުތަކެވެ. އެގޮތުން ޑިޒައިނަށް އައި މައިގަނޑު ބަދަލަކީ ވެއްޔާއި ސިމެންތި އެޅޭ ބޭސް ކޯސް ފަށަލައިގެ ބަދަލުގައި ހިލަ ބޭސް ކޯސް ފަށަލައަކަށް ބަދަލު ކުރުން ކަމަށް އެމްޓީސީސީއިން ބުނެއެވެ.

ޑިޒައިން ބަދަލު ގެނެސްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހދ. ހަނިމާދޫގެ 18 މަގަކާއި، ރ. އުނގޫފާރުގެ 15 މަގަކާއި، ބ. އޭދަފުށީގެ 17 މަގަކާއި، ރ ދުވާފަރުގެ 12 މަގަކާއި، ލ. ފޮނަދޫގެ 12 މަަގެއްގެ އިތުރުން ސ. ހުޅުމީދޫ ބަހާހުއްދީން މަގު ހެދުމުގެ މަޝްރޫއާއި ޏ. ފުވައްމުލަކު ރިންގް ރޯޑް ހެދުމުގެ މަޝްރޫއު ހިމެނެއެވެ.

ޑިޒައިންނަށް ބަދަލު ގެނެސްގެން މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މިފަދަ މަޝްރޫއުތައް މީގެ ކުރިން ހިންގުމުގައި ލިބުނު ތަޖްރިބާއަށް ބަލާ މަޝްރޫއުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަގްސަދުގައި ކަމަށް އެމްޓީސީސީއިން ބުނެއެވެ. އެގޮތުން މި މަޝްރޫއުތަކުގެ ޑިޒައިނަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރާއި މަޝްވަރާ ކުރެވެމުން ދާ ކަަމށްވެސް އެމްޓީސީސީއިން ބުނެއެވެ.

މި އަހަރު ތެރޭގައި ސަރުކާރުން ވަނީ މަގުހެދުމުގެ 7 މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފައެވެ.