ހޮންގްކޮންގްގެ އެކްސްޓްރަޑައިޝަން ބިލާ ދެކޮޅަށް އެގައުމުގައި ކުރަމުންދާ މުޒާހަރާތައް ވަރުގަދަކޮށް، އާންމު ރައްޔިތުން ނިކުމެ ސަރުކާރުގެ މައި އިދާރާއާއި ގާނޫނު ހަދާ މަޖިލީހަށް ދެވެން އޮންނަ މަގުތައް ބަންދުކޮށްފިއެވެ.

މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް ހޮންގްކޮންގުގެ ފުލުހުން ރަޔަޓް ގިޔަރުގައި މަގުތަކަށް ނިކުމެ، ޕެޕާސްޕްރޭއާއި އޭނުންވެސް ގޮތްގޮތުން ބާރުގެ ބޭނުން ކުރަމުން ދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ހޮންގްކޮންގުގެ ލީގަލް ކައުންސިލް (ލެގްކޯ)އިން ވަނީ ބިލުގެ 2 ވަނަ ކިއުން ފަސްކޮށްފައެވެ.

ރައްޔިތުން ކިތަންމެ ވަރަކަށް ދެކޮޅު ހެދި ކަމުގައި ވީ ނަމަވެސް، މި ބިލު ފާސްކުރާނެ ކަމަށް، ޗައިނާގެ ސަރުކާރަށް ބުރަވެފައިވާ ހޮންގްކޮންގުގެ ސަރުކާރުން ވަނީ ބުނެފައެވެ.

މި ބިލާ ގުޅިގެން ވޯޓަށް އެހުން އޮންނާނީ ޖޫން 20 ވަނަ ދުވަހުއެވެ.

މި ބިލު ފާސްކުރުމާ ދެކޮޅަށް ހޮންގްކޮންގުގެ މަގުތަކަށް ނިކުމެފައިވާ އެތައް ހާސް ރައްޔިތުންނެއްގެ ތެރޭގައި ގިނައީ ޒުވާނުންނާ ކިޔަވާ ކުދިންނެވެ.

ހޮންގްކޮންގުގައި މިހާރު ކުރިއަށްދާ މުޒާހަރާ ތަކަކީ 1997 ވަނަ އަހަރު އިނގިރޭސިން ހޮންގްކޮންގް ދޫކޮށް ޗައިނާއާއި ހަވާލުކުރި ފަހުން އެ ކުރިއަށް ގެންދާ އެންމެ ވަރުގަދަ މުޒާހަރާތަކެވެ.

ހޮންގްކޮންގުގެ ރައްޔިތުން ބުނާ ގޮތުގައި މި ބިލަކީ އެމީހުންގެ މަދަނީ މިނިވަންކަމަށް ހުރަސް އެޅޭނެ ބިލެކެވެ. އަދި މިއީ ހޮންގްކޮންގުގެ އައިޑެންޓިޓީ ގެއްލުވާލާނެ ބިލެކެވެ. މި ބިލަކީ ޗައިނާއަށް ބާރު ލިބޭ ގޮތަށް އޮތް ބިލަކަށް ވާއިރު، ސެމީ އޮޓޮނޮމަސް ރީޖަންއެއްގެ ގޮތުގައި އޮތް ހޮންގްކޮންގުގެ ރައްޔިތުން މިހާރުވެސް ބުނަމުންދަނީ ފާއިތުވީ 5 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ޗައިނާއިން ބޮޑު ކޮންޓްރޯލެއް ނަގާފައި ވާކަމަށެވެ.

އެކްސްޓްރަޑިޝަން ބިލް ނުވަތަ ގައުމުން ބޭރުގައި ކުށްވެރިންގެ މައްޗަށް ޝަރީއަތް ހިންގާ ގައިދީން ގަވައިދު ކުރުމާ ބެހޭ ބިލުގެ މައްސަލާގައި ހޮންގްކޮންގުގެ ބަސް ޑްރައިވަރުންނާ ޓީޗަރުންނާއި އިޖުތިމާއީ މަސައްކަތްތެރިންވެސް ދަނީ އިހުތިޖާޖު ކުރަމުންނެވެ.