މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަމުން އަންނަ ރިޔާސީ ކޮމިޝަނަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހާޒިރުކޮށް ބަޔާން ނަގައިފިއެވެ.

އެކޮމިޝަނުން ބުނީ އަދީބު ކޮމިޝަނަށް ހާޒިރުކޮށް އޭނާގެ ބަޔާނެއް މިއަދު ނަގާފައިވާ ކަމަަށެވެ. އަދި އޭނާއާއި ސުވާލު ކޮށްފައި ވަނީ، ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާނާއި، ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ކަމަށެވެ.

އަދީބު ހާޒިރު ކުރި މައްސަލައާ ގުޅޭގޮތުން އިތުރު ތަފްސީލެއް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ. އެ ކޮމިޝަނުން ވަނީ ކޮމިޝަންގެ މަސައްކަތްތައް ނިމުމަކާއި ގާތްވެފައިކަމަށް މީގެ ކުރިން ބުނެފައެވެ. އަދި މައްސަލަތަކުގެ މޯޓިވް ދެނެގަނެވިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ މައުލޫމާތުތައް ހާމަކުރާނެ ކަމަށް ބުނެފައެވެ.

މިހާތަނަށް އެ ކޮމިޝަނަށް ހަތަރު ފަރާތެއް ވަނީ ހާޒިރުކޮށް ބަޔާން ނަގާފައެވެ. އަދީބުގެ އިތުރުން ދެން ކޮމިޝަނަށް ބަޔާން ދީފައިވަނީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދާއި، ޕީޕީއެމް ކައުންސިލްގެ ކުރީގެ މެންބަރު ޒާހިދު ރަމީޒާއި، އަހުމަދު އަޝްރަފް (ޝުމްބާ) އެވެ.

މަރު ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު މީގެ ކުރިން ވިދާޅުވެފައިވަނީ ފުލުހުންނާ ގުޅިގެން ކޮމިޝަނުން ޖިނާއީ ތަހުގީގު ހިންގަމުންދާ ކަމަށާއި ނަމަވެސް ތަހުގީގު ހިންގުމުގެ ގާނޫނީ ބާރުވެރިކަން ކޮމިޝަނަށް ނެތުމުން ތަހުގީގު ފުރިހަމަ ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މި މައްސަލަތަކުގައި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވެން ނެތް ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ. ނަމަވެސް މަޖިލީހަށް ހުށަހަޅާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލު ފާސްވުމުން މި ހުރަސްތައް ނެތިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން، ޖިނާއީ ތަހުގީގެއް ކުރެވޭނީ ތަހުގީގީ އިދާރާއެއް ކަމަށް ގާނޫނުން ކަނޑައަޅާ ފަރާތްތަކަށް. އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ، ޖިނާއީ ތަހުގީގު ކުރާ އިދާރާއަކަށް ފިޔަވައި، ޖިނާއީ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށްވެސް ނުވަތަ ކޯޓަށްވެސް ނުފޮނުވޭނެ. އެހެންވީމަ އެކަން ހުރަހަކަށް ވެގެން މިއުޅެނީ"
ހުސްނުއްސުއޫދު

މަރު ކޮމިޝަންގެ މަސައްކަތްތައް މިދިޔަ އެޕްރީލް މަހުގެ ނިޔަލަށް ކުރިން ނިންމަން އެކޮމިޝަނުން ނިންމި ނަމަވެސް، ކޮމިޝަނަށް ބާރުދިނުމަށް މަޖިލީހަށް ހުށަހެޅި ބިލު ފާސްނުވުމާއި ގުޅިގެން ކޮމިޝަންގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ. ނަމަވެސް ކޮމިޝަނުން 25 މައްސަލައެއް ބޭރުގެ ތަޖުރިބާ ކާރުންގެ އެހީތެރިކަމާއެކު ތަހުގީގު ކުރިއަށް ގެންގޮސް މަައްސަލަތަކުގެ އަސްލު ދެނެގަނެވިފައި ވާކަމަށް ކޮމިޝަނުން ބުނެއެވެ.