ނާސްތާ ޕްރޮގްރާމުން ފައިދާވެގެން ދާނީ ހަމައެކަނި ދަރިވަރުންނަށް ނޫން ކަމަށާ މިއީ ރަށްރަށާއި މުޅި މުޖްތަމައަށް ނުހަނު ފައިދާ ލިބޭނޭ ޕްރޮގްރާމެއް ކަމަށް މިނިސްޓާ އޮފް އެޑިއުކޭޝަން އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ނާސްތާ ޕްރޮގްރާމުން ފައިދާވެގެންދާނީ ހަމައެކަނި ދަރިވަރުންނަށް ނޫން ކަމަށާއި މިއީ ރަށްރަށާއި މުޅި މުޖްތަމައަށް ނުހަނު ފައިދާ ލިބޭނޭ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން، ނާސްތާ ޕްރޮގްރާމަކީ ރާއްޖޭގެ އިގްތިސާދަށްވެސް ހުޅުވިގެން ދިޔަ ފަހި ދޮރެއް ކަމަށާއި ކުދި ވިޔަފާރިތައް ކުރިއަރައި ފައިސާ ދައުރުވާ މިންވަރު އިތުރުވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނާސްތާ ޕްރޮގްރާމް ހުރިހާ ރަށަކަށް ފުޅާކުރެވިގެން ދިޔައީ ފުރަތަމަ ޓާމްގައި ކުރިއަށް ގެންދެވުނު ޕައިލެޓް ޕްރޮގްރާމްގެ ނަތީޖާއަށް ބެލުމަށްފަހު ކަމަށާއި ޕައިލެޓް ޕްރޮގްރާމްގައި 10 މެނޫއެއް ބޭނުންކުރި ނަމަވެސް މިހާރު މި ޕްރޮގްރާމްގައި 17 މެނޫއެއް ދަނީ ބޭނުން ކުރަމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ނާސްތާ ޕްރޮގްރާމްގައި ދެވޭ ކާނާއަކީ މިންހެޔޮ އެއްޗަކަށް ހެދުމަށް މި މެނޫތައް ތައްޔާރު ކޮށްފައި ވަނީ ޔުނިސެފްގެ އެހީތެރިކަމާއެކު ނިއުޓްރިޝަނިސްޓުންގެ ލަފާގެ މަތިން ކަމަށް ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ނާސްތާ ޕްރޮގްރާމްގައި ބޭނުންކުރާ ކާނާ އަކީ ރަށްރަށުގައި ހައްދާ ކާނާއަށް ވުމަކީ އެ މިނިސްޓްރީއިން ބާރުއަޅާ ކަމެއް ކަމަށާއި ސްކޫލްތަކުގައިވެސް ކާނާ ހެއްދުމުގެ މަސައްކަތް ވެސް ކުރިއަށް އޮތްތާ ކުރެވިގެންދާނެ ކަމަށެވެ. މިނިސްޓަރު ވަނީ ހެނދުނުގެ ނާސްތާ މުޅި ރާއްޖޭގައި ފެށުމުގައި ދިމާވި ދަތިތައް ފާހަގަ ކުރައްވާފައެވެ. އެގޮތުން، އެ ޕްރޮގްރާމަށް ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް ކާތަކެތި ތައްޔާރުކުރާނެ ފަރާތްތައް ރައްރަށުން ހޯދުން އުނދަގޫ ވި ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ނާސްތާ ޕްރޮގްރާމާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ނާސްތާ ޕްރޮގްރާމްގައި ބޭނުންކުރާ ފުލްކްރީމް ކިރުގައި ފޮނިރަހަ ނުދިނުމުގެ ސަބަބުން ބައެއް ދަރިވަރުން ކިރުޕެކެޓް ނުބޯކަން ޕައިލެޓް ޕްރޮގްރާމް ފަށައިގެން އުޅުނުއިރު ފާހަގަކުރެވުނު ކަމަށެވެ. ނަމަވެސް މަޑުމަޑުން ދަރިވަރުން ފުލްކްރީމް ކިރުޕެކެޓް ބުއިމަށް އާދަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ނާސްތާ ޕްރޮގްރާމްގައި ބައިވެރިވުމަކީ އެއްވެސް ދަރިވަރަކަށް މަޖުބޫރު ކަމެއް ނޫން ކަމަށާއި، ދަރިވަރުން ބައިވެރިކުރަނީ ބެލެނިވެރިންގެ ރުހުމާއެކު ކަމަށެވެ. އަދި ޕައިލެޓް ޕްރޮގްރާމްގެ ނަތީޖާއަށް ބެލުމަށްފަހު ނާސްތާ ޕްރޮގްރާމާބެހޭ ރަނގަޅު މައުލޫމާތު ބެލެނިވެރިންނަށް ފޯރުކޮށްދިނުމަށް ސްކޫލްތަކާއި ގުޅިގެން ކެމްޕޭނެއް ކުރިއަށް ގެންދަވާފައި ވާނެ ކަމަށް މިނިސްޓާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިއަދު ގދ. ތިނަދޫ އަބޫބަކުރު ސްކޫލް ދަރިވަރުންނަށް ދޭ ހެނދުނުގެ ނާސްތާ ކަރުދާސް ގަނޑަކަށް ލާފައި ބިންމަތީގައި ބައިތިއްބައިގެން ދިން މައްސަލައަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ހެނދުނުގެ ނާސްތާ ދިނުމުގައި ވަރަށް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅިފައި ވާނެކަމަށެވެ. އަދި މިއަދު ނާސްތާ ދިނުމުގައި ދެ ކްލާހަކުން މި އުސޫލާއި ހިލާފު ވެފައި ވާކަން ފާހަގަ ކުރެއްވުނު ކަމަށާއި އެފަރާތްތަކާމެދު މިހާރު ފިޔަވަޅު އަޅުއްވާފައި ވާނެ ކަމަށެވެ.