ގދ. ތިނަދޫ އަބޫބަކުރު ސްކޫލް ދަރިވަރުންނަށް ދޭ ހެނދުނުގެ ނާސްތާ ކަރުދާސް ގަނޑަކަށް ލާފައި ބިންމަތީގައި ބައިތިއްވައިގެން ދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ ޕްރައިމަރީ ގްރޭޑެއްގެ ދަރިވަރުން ބިންމަތީގައި ބައިތިއްބާފައި ތިބި އިރު، އެކުދިންގެ ނާސްތާ ކަރުދާސްގަނޑަކަށްލައި ބިންމަތީގައި ތިބެގެން ކާތަނެވެ.

މީގެ އިތުރުން އެ ސްކޫލްގެ އެހެން ދަރިވަރުންތަކެއް މޭޒުމަތީގައި ކަރުދާސް އަޅައިގެން އޭގެ މަތީގައި ނާސްތާ ބަހައްޓައިގެން ކާ ފޮޓޯތަކެއް ވެސް ވަނީ އެ ސްކޫލް އެފްބީ ޕޭޖަށް ވެސް ލާފައެވެ. މިއީ މިއަދު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދޭން ފެށި ޕްރޮގްރާމާއެކު މިއަދު އެ ސްކޫލުން ނަގާފައިވާ ފޮޓޯތަކެކެވެ.

"އަޅުގަނޑުމެންގެ ދެލޮލުގެ ނޫރު ފަދަ ދަރިން މި ލެވެލްއަށް ތިރި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ބިންމަތީ ގަނޑެއް މަތީ ކާއެއްޗެހި ބަހައްޓައިގެން ކުދިން ނާސްތާ ކާން ޖެއްސުމަކީ މީ ވަރަށް ދެރަވަރު ކަމެއް. މީ ސަލާން ޖަހާ ބައެއް ނޫން. މިކަންތައް އިންތިޒާމް ކުރާ މީހުން މިއައްވުރެން ޒިންމާދާރުވުމަށް ގޮވާލަން. މި ލެވެލްއަށް ކަންތައް ކުރަންޔާ އަނގައިން ނުބުނެ ނުހުރެވޭނެ. މިހެން ބުނެގެން މަގޭ ދަރި ސްކޫލުން ކަނޑާލިޔަސް ހެޔޮ،"
އަބޫބަކުރު ސްކޫލު ބެލެނިވެރިއެއް

މި މައްސަލައާއި ގުޅޭގޮތުން އެހެން ބެލެނެވެރިއަކު ބުނެފައިވަނީ މި ތަފާތު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މައްސަލައެއް ނޫން ކަމަށެވެ. އަދި އެއީ އެ ސްކޫލެއްގެ މެނޭޖްމެންޓްގެ މަައްސަލައެއް ކަމަށާއި، ސްކޫލުގެ މެނޭޖްމެންޓު ޒިންމާ ކުރުވާނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށެވެ.

https://www.facebook.com/axams/posts/1989729361131711

އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ އަބޫބަކުރު ސްކޫލުގައި މިކަން ހިނގާފައިވާކަމަށް ބުނެފައެވެ. އަދި އެކަން އެގޮތަށް ދިމާވުމުގައި ހިމެނޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެެއެވެ.

https://www.facebook.com/comp.husen/posts/10214040666041618

އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިއަދު އިފްތިތާހު ކުރެވުނު ސްކޫލްތަކުގެ ދަރިވަރުންގެ ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ދެ ކުލާސް ރޫމެއްގައި ދަރިވަރުންނަށް ނާސްތާ ދީފައިވަނީ ނާސްތާ ޕްރޮގްރާމުގެ އުސޫލާ ހިލާފަށް ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"މަދު މުވައްޒަފުންތަކެއް މި އަމަލު ހިންގާފައިވާތީ އެކަން މިނިސްޓްރީން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މިކަން ކޮށްފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅިފައިވާ ވާހަކަ ބެލެނިވެރިންނާއި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،"
އެޑިއުކޭޝަން މިނިސްޓްރީ

މިނިސްޓްރީން ބުނީ ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދާ އިރު، ކާތަކެތީގެ ސާފުތާހިރު ކަމަކީ މިނިސްޓްރީން އެންމެ މުހިންމު ކަމެއްދޭ އެއް ކަން ކަމުގައިވާތީ ދަރިވަރުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް ސްކޫލު ތަކުން އަމަލު ކުރަމުން ދޭތޯ ކޮންމެ ދުވަހަކު ބަލަމުންދާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

އަބޫބަކުރު ސްކޫލުގައި ކުޑަ ކުދިންތަކެއް ހެނދުނުގެ ނާސްތާ ބިންމަތީގައި ތިބެގެން ކަނީ

އަބޫބަކުރު ސްކޫލުގައި ދަރިވަރުންނަށް ނާސްތާ ކަރުދާސް ގަނޑެއްގެ މަތީގައި ދީފައިވާ އިރު، މިއީ ނާސްތާ ދިނުމުގެ އުސޫލާ ހިލާފު ކަމެކެވެ. ނާސްތާ ދިނުމުގެ އުސޫލުގައި ބުނެފައިވަނީ މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ފޯރުކޮށްދޭ ތަކެތި ހުންނަން ވާނީ، މި އުސޫލާ އެކުގައިވާ "ނާސްތާ މެނޫ" ގައި ބަޔާން ކުރާގޮތަށް ނުވަތަ މިނިސްޓްރީގެ ލަފަޔާއެކު ސްކޫލާއި ކޮންޓްރެކްޓަރާ ދެމެދު އެއްބަސްވެވޭ ގޮތަކަށް ޕެކްކުރެވިފައެވެ. އަދި ކޮންމެ ޕެކެއްގައިވެސް، އެ ޕެކުގައި ހިމެނޭ ތަކެތި، ނުވަތަ މެނޫ ނަމްބަރު އެނގޭ ގޮތަށް ޕެކްގެ ބޭރުގައި ލޭބަލް ކޮށްފައި ހުންނަން ވާނެއެވެ.

އަދި ދަރިވަރުންނަށް ނަސްތާ ޑެލިވާ ކުރާއިރު ކޮންމެ ދަރިވަރެއްގެ ނާސްތާ ސްކޫލަށް ގެންނަން ވާނީ ފުޑް ގްރޭޑް ކަރުދާސް ކޮތަޅުގައި ބަންދުކޮށް އެކޮތަޅުގައި ހިމެނޭ ނާސްތާ ލޭބަލް ކޮށްގެންނެވެ.