19 ވަނަ މަޖިލީހުގެ ނައިބު ރައީސްކަމަށް އައްޔަން ކުރެވުނު ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ފުރަތަމަ ފަހަރަށް މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގެންފިއެވެ.

މިއީ ރާއްޖޭގެ ތާރީހުގައި އަންހެން ބޭފުޅަކު ގާނޫނު ހަދާ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ތިންވަނަ ފަހަރެވެ. އަދި މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާ ދެވަނަ ފަހަރެެވެ.

އީވާ މަޖިލީހުގައި މެންބަރުުކަން ކުރައްވާ މިއީ ތިން ވަނަ ދައުރެވެ. މީގެ ކުރިންވެސް އީވާ މެންބަރުކަމަށް ހޮވި ވަޑައިގެންނެވީ ހަމަ އެ ދާއިރާއިންނެވެ.

އީވާގެ އިތުރުން މަޖިލީހުގެ ނައިބުރައީސްކަން ކުރައްވާ ރިޔާސަތު ބަލަހައްޓަވާފައި ވަނީ އަނީސާ އަހުމަދެވެ. އަނީސާ މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވީ 2008 އިން 2009 އަކަށެވެ. މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް މަޖިލީހުގެ ރައީސްކަން އަންހެން ބޭފުޅަކު ކުރެއްވިއެވެ. އެއީ ޑިސެމްބަރު 22، 1952 އިން އޮގަސްޓް 21، 1953 އަށް އައްނަބީލާ ފާތިމަތު އިބްރާހިމް ދީދީއެވެ.