ހުޅުމާލޭގެ ފްލެޓެއް ބަލާ ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހުޅުމާލޭން ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ ދިވެހިރާއްޖެއަށް މި އޮޕަރޭޝަން ހިންގާފައި ވަނީ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

މި އޮޕަރޭޝަން ހިންގާފައި ވަނީ ރޭ ދަންވަރު 1:50 ގައިއެވެ. މިއޮޕަރޭޝަންގައި މިމީހާ ހައްޔަރުކޮށް، ހުޅުމާލޭގައި މިމީހާ ދިރިއުޅޭ ފްލެޓު ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 32 ބުލެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.