ސަރުކާރު ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ރަސްމީކޮށް ފަށައިފިއެވެ.

ސަރުކާރުގެ 213 ސްކޫލެއްގައި ރަސްމީކޮށް ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފަށްޓަވައިދެއްވީ އެކަމަށްޓަކައި ތާޖުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމެވެ.

ހެނދުނުގެ ނާސްތާ ޕްރޮގްރާމް ހުރިހާ ސްކޫލެއްގައި ފަށާފައި ވަނީ ފުރަތަމަ ޓާމުގައި 25 ސްކޫލެއްގައި ނާސްތާގެ ޕައިލެޓް ޕްރޮޖެކްޓެއް ފެށުމަށްފަހު، އޭގެ ނަތީޖާއަށް ބެލުމަށްފަހުގައެވެ. ދެވަނަ ޓާމާއެކު ނާސްތާ ޕްރޮގްރާމް ފެށުމަށް ނިންމި ނަމަވެސް، ލަސްކޮށްފައި ވަނީ ހަ ދުވަހުގެ ރޯދަ ނިމެންދެންނެވެ.

ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް ފެށީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. ދަރިވަރުންނަށް ނާސްތާ ދޭން ފެށީ އެކި ދުވަހު އެކި މެނޫތަކަށް ބަހާލައިގެންނެވެ. އެގޮތުން 10 މެނޫއެއް ނާސްތާ ޕްރޮގްރާމުގައި ހިމެނޭ އިރު، ދަރިވަރުން ބޭނުންވާ މެނޫ ހިޔާރު ކުރުމުގެ ފުރުސަތު ދީފައިވެއެވެ.

ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ފުއްދެވުމަށް ވެވަޑައިގެންނެވި ރިޔާސީ ވަައުދުފުޅެކެވެ.