ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނަށް މިއަދު ރަސްމީކޮށް ފެށިގެން ދިޔަ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ވެގެންދާނީ ދުޅަހެޔޮ ސިއްހަތެއްގައި ދަރިވަރުން ތިބެ ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ދަރިވަރުންނަށް މިހާތަނަށް ލިބިގެންދާ އެންމެ ފަހި ފުރުސަތު ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ސްކޫލުތަކުގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ރަސްމީގޮތުން ފެއްޓެވުމަށް މިއަދު ތާޖުއްދީނު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވަނީ މި ޕްރޮގްރާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދަރިވަރުންގެ ކިޔެވުން ހެނދުނު ފަށައިގަންނައިރު ކުދިންގެ ސިކުނޑިތައް ހުޅުވެންޖެހޭކަމަށާއި ފިލާވަޅުތަކަށް ރަނގަޅަށް ސަމާލުކަންދެވި، މުޅި ދުވަހު ކިޔެވުން ކުރިޔަށްގެންދެވޭ ވަރަށް ކުދިން ތައްޔާރުވާންޖެހޭކަން ނައިބު ރައީސް ވިދާޅުވިއެވެ.

"މި ފަދަ ޕްރޮގްރާމަކުން ހަމައެކަނި ލިބިގެންދަނީ ނާސްތާކުރުމުގެ ފުރުސަތު އެކަނި ނޫންކަން ފާހަގަ ކުރެއްވިއެވެ. އުނގެނުމުގެ ތެރެއިން ދަސްކުރަންޖެހޭ ބައެއްކަންތައްތަކުގެ ތެރޭގައި ހިމެނޭ، އިހުތިރާމު ކުރުމާއި، އެހެންމީހުންގެ ހައްގުތައް ދެނެގަނެ ރަނގަޅު ނަތީޖާއަކާ ހަމައަށް ވާސިލުވުމަށް މަސައްކަތްކުރުންފަދަ އެތައްކަމެއް ދަސްކުރުމުގެ ފުރުސަތު މި ޕްރޮގްރާމްގެ ތެރެއިން ލިބިގެންދާނެ،"
ނައިބު ރައީސް ފައިސަލް ނަސީމް

ރައީސްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި ޕްރޮގްރާމު ރަސްމީގޮތުން މިއަދު ފެށުމާއެކު ރާއްޖޭގެ 180 ރަށެއްގައި، 57،817 ދަރިވަރުންނަށް "މިންހެޔޮ ނާސްތާ'" ލިބިގެންދާނެއެވެ.