ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކިރިގިޒްތާނަށް ކުރައްވާ ދަތުރުފުޅުގައި ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބޭނުންކުރެއްވުމުގެ ހުއްދަ، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއަށް އެރުވުމަށް ޕާކިސްތާނުން ނިންމައިފިއެވެ.

ކިރިގިޒްތާނުގެ ވެރިރަށް ބިޝްކެކްގައި މިމަހުގެ 13އިން 14އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެސް.ސީ.އޯ ސަމިޓްގައި، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންވެސް ބައިވެރިވެވަޑައިގަންނާވެނެ ކަމަށް މައުލޫމާތު ލިބެއެވެ.

ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖާއިޝީ މުހައްމަދު ޖަމާއަތުން ބަލަކޮޓްގައި ހިންގާ ކޭމްޕަކަށް ހަމަލާދިނުމަށް ވަތް އިންޑިއާ ވައިގެ އަސްކަރީ މަތިންދާބޯޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަތް ހާދިސާއާއި ގުޅިގެން، ހުރިހާ އުދުހުންތަކަކަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު މުޅިން ބަނދުކުރީ މިއަހަރުގެ ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހުއެވެ. ޕާކިސްތާނު ހުރަސްކޮށް ވައިގެ ދަތުރުކުރާ 11 ރޫޓެއް އޮންނައިރު މިހާތަނަށް ހުޅުވާލާފައިވަނީ 2 ރޫޓެކެވެ. މި 2 ރޫޓުވެސް ހުރަސްކުރަނީ ޕާކިސްތާނުގެ ދެކުނުގެ ސަރަހައްދުތަކުގެ މަތިންނެވެ.

އިންޑިއާގެ ބޮޑުވަޒީރު ކިރިގިޒްތާނަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި ޕާކިސްތާނު މަގުން ބިޝްކެކްއަށް ވަޑައިގަތުމުގެ ފުރުސަތަކަށް އިންޑިއާއިން ވަނީ ޕާކިސްތާނުގައި އެދިފައެވެ. އަދި މި ހުއްދަ މޯދީއަށް އެރުވުމަށް އިމްރާން ހާންގެ ސަރުކާރުން ނިންމާފައިވާކަމަށް ރަސްމީ ފަރާތްތަކުންވެސް މިހާރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ޕާކިސްތާނުގެ އޮފިޝަލު ވިދާޅުވީ މިކަމާ ގުޅުންހުރި އިޖުރާއަތު ފުރިހަމަ ކުރިކުރެވުމާއެކު އިންޑިއާއަށްވެސް ރަސްމީކޮށް މިކަން އަންގާނެއެވެ. އަދި މިއީ ސުލްހައިގެ މަޝްވަރާތަކަށް އެދި ޕާކިސްތާނުން ހުށަހަޅާފައިވާ ދައުވަތަށް އިންޑިއާއިން އެދެވޭ އިޖާބައެއް ދޭނެ ކަމުގެ އުއްމީދުގައި ޕާކިސްތާނުން އަޅާ ފިޔަވަޅެއް ކަމަށްވެސް ޕާކިސްތާނުގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.

ކަންމިހެންއޮތްއިރު އެސް.ސީ.އޯ ސަމިޓްގެ ހަވާސާގައި އިމްރާންއާއި މޯދީގެ ބައްދަލުކުރެއްވުމެއް ތާވަލު ކުރެވިފައި ނެތްކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރު ވަނީ ވިދާޅުވެފައެވެ.

މޭ މަހު ބިޝްކެކްގައި ކުރިއަށްދިޔަ އެސް.ސީ.އޯގެ ހާރިޖީ ވަޒީރު ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ސީދާ ޕާކިސްތާނު މަގުން ކިރިގިޒްތާނަށް ދަތުރުފުޅުކުރެއްވުމުގެ ހުއްދަ، އިންޑިއާގެ ހާރިޖީ ވަޒީރު ސުޝްމާ ސުވަރާޖަށްވެސް ޕާކިސްތާނުންވަނީ އަރުވާފައެވެ.

ޕާކިސްތާނުގެ އިރުމަތީ ބޯޑަރު ސަރަހައްދުން އޮތް ވައިގެ ސަރަހައްދު ޖޫން 14 ނިޔަލަށް އަދިވެސް ބަންދުކޮށްފައި ބޭއްވުމަށް އެގައުމުން ވަނީ ނިންމާފައެވެ.