ސޫރިޔާގެ އިދްލީބު ސަރަހައްދަށް އަމާޒުކޮށް ރަޝިޔާއިން ދިން ވައިގެ ހަމަލާތަކެއްގައި 25 މީހުން މަރުވެއްޖެއެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ އަސްކަރިއްޔާއާއި އެއްކޮޅަށް ރަޝިޔާއިން ދެމުންދާ ހަމަލާތަކުގައި އިދްލީބުގެ ސްކޫލްތަކާ ސިއްހީ ހިދުމަތްދޭ މަރުކަޒުތައްވެސް ބިމާ ހަމަވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ރަޝިޔާގެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި އަންހެނުންނާ ކުޑަކުދިންވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

އިދްލީބުގެ ކޮންޓްރޯލް އަދިވެސް އޮތީ އަސަދުގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައި ކަމަށްވާއިރު، ފާއިތުވީ ދެތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މިސަރަހައައްދުގައި ވަނީ ވަރުގަދަ ކުރިމަތިލުންތަކެއްވެސް ހިންގާފައެވެ.

ގާތްގަނޑަކަށް 3 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ އިދްލީބުގެ ރަށްވެހިން ދިރިއުޅެމުންދަނީ އިންތިހާ ބިރުވެރިކަމާ ނުތަނަވަސްކަމުގެ ތެރޭގައި ކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.

އދއާއި އެހީދޭ ޖަމިއްޔާތަކުން ބުނާ ގޮތުގައި 300،000 އެއްހާ މީހުން މިހާރުވަނީ ތުރުކީވިލާތާ ވީ ފަޅިން ރައްކާތެރި ހިސާބުތަކަށް ބަދަލުވެސްވެފައެވެ.

އިދިކޮޅު ހަނގުރާމަވެރިން ކޮންޓްރޯލް ކުރަމުންދާ އިދްލީބު "ވާކޮށް" އާންމު ދިރިއުޅުން ހުއްޓުވުމަކަށް ގެނައުމަށް ވަކި އަމާޒެއް ބެލުމެއް ނެތި އާންމު ރައްޔިތުންގެ ފުރާނަވެސް ގެއްލިދާފަދަ ގޮތަކަށް އަސްކަރީ ހަމަލާތައް ދެމުންދާ ކަމަށް ބުނެ އަމާޒުވަމުންދާ ތުހުމަތުތަކަށް ސޫރިޔާއާއި ރަޝިޔާގެ އަސްކަރިއްޔާގެ ދަނީ އިންކާރު ކުރަމުންނެވެ.