ކިރިގިޒްތާނުގައި ކުރިއަށް ގެންދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓަކީ ޓެރަރިޒަމްއާއި ދެކޮޅަށް ހަނގުރާމަ ކުރުމުގެ ނަޒަރަކުން، ސަލާމަތާ އިގުތިސޯދާ ގުޅުންހުރި ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރެވިގެންދާނެ ސަމިޓެއް ކަމަށާއި، ނަމަވެސް އެއީ އެއްވެސް ހާލެއްގައި، ވަކި ގައުމަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާނެ ބައްދަލުވުމެއް ނޫންކަމަށް ޗައިނާއިން ބުނެފިއެވެ.

ކިރިގިޒްތާނުގެ ވެރިރަށް ބިޝްކެކްގައި މިމަހުގެ 13 އިން 14އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 19 ވަނަ ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓްގައި ޗައިނާގެ ރައީސް ޝީ ޖީންޕިންގްގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރުކަމުގެ 2 ދައުރުގެ ވެރިކަން ފައްޓަވާފައިވާ ނަރޭންދްރާ މޯދީވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެސް.ސީ.އޯއަކީ އިގުތިސޯދާ ސަލާމަތާ ގުޅުންހުރި ކަންކަމަށް ހާއްސަކޮށްގެން ޗައިނާ އިސްވެ އޮވެ، އެކުލަވާލާފައިވާ 8 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ އިއްތިހާދެކެވެ. މި އިއްތިހާދު އުފެއްދުމުގައި ޗައިނާއާއިއެކު ބާނީންގެ ގޮތުގައި ހަރަކާތްތެރިވި ގައުމުތަކުގެ ތެރޭގައި ޗައިނާއާއި ރަޝިޔާވެސް ހިމެނެއެވެ.

ސަމިޓްގެ މަޝްވަރާތަކަކީ ވަކި ގައުމަކަށް އަމާޒުވާ މަޝްވަރާތަކެއް ނޫންކަމަށް ޗައިނާއިން ބުނެފައިވާ މިދަނޑިވަޅަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އިގުތިސޯދުގެ މަގާމުގައި އޮތް އެމެރިކާއާއި ޗައިނާއާއި ދެމެދު ވިޔަފާރިއާއި އިގުތިސޯދުގެ ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ދަނޑިވަޅެކެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންވެސް މިފަހަރުގެ ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ޗައިނާއާއި ޕާކިސްތާނުން މި އިއްތިހާދާ ގުޅުނީ 2017 ވަނަ އަހަރުއެވެ.