ޕާކިސްތާނުގެ ސިންދު ޕްރޮވިންސުން އެޗްއައިވީ އެއިޑްސް ޖެހިފައިވާ ކަމަށް ރެކޯޑްކޮށްފައިވާ 751 ޕޭޝަންޓުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ އެ ބައްޔަށް ފަރުވާ ދެވެމުން ނުދާ މީހުންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

މި ޕޭޝަންޓުންނަކީ މިދިޔަ މަހު ލަރުކާނާއިން އެޗްއައިވީއަށް ޓެސްޓުކުރި 21375 މީހުންގެ ތެރެއިން އެޗްއައިވީއަށް ވީއަށް ޕޮޒިޓިވްވި މީހުންކަމަށާ، ޕޮޒިޓިވްވި މީހުންގެ ތެރެއިން 604 މީހުންނަކީ އުމުރުން އެންމެ 2 އަހަރާ 15 އަހަރާ ދެމެދުގެ ކުޑަކުދިން ކަމަށް މައުލޫމާތު ލިބެއެވެ.

ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި ޕާކިސްތާނުގައި ހަލުކަމާއެކު އެޗްއައިވީ ފެތުރިފައި ވަނީ ސާފުތާހިރުކަން ކުޑަ އާލާތްތައް ބޭނުންކުރުމާ، ރައްކާތެރި ނޫން ގޮތް ގޮތަށް ލޭގެ ޓްރާންސްފިއުޝަންތައް ހެދުމާ، ފަރުވާ ކުޑަ ސިއްހީ ހިދުމަތްތެރިންގެ ސަބަބުންނެވެ.

ޑަބްލިއު.އެޗް.އޯގެ ރިޕޯޓް ބުނާ ގޮތުގައި އެޗްއައިވީއަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ފަރުވާ ފޯރުކޮށްދެވިފައި ވަނީ 47 ޕަސެންޓް މީހުންނަށެވެ. 604 ކުއްޖަކު މި ބައްޔަށް ޕޮޒިޓިވް ވެފައި ވީ ނަމަވެސް އެ ގައުމުގައި ސްޓޮކް ހުރީ 240 ކުއްޖަކަށް ފަރުވާ ކުރާ ވަރަށް އެކަނި ކަމަށްވެސް މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ޕާކިސްތާނުގައި އެޗްއައިވީ ފެތުރެމުންދާ ކަމުގެ ރިޕޯޓްތައް ލިބެން ފެށީ އޭޕްރިލް މަހުގެ ފަހުކޮޅުއެވެ. އެއާ ވިދިގެން އެޗްއައިވީއަށް ސްކްރީން ކުރުމުގެ ބޮޑު ކެމްޕޭނެއް އެގައުމުން ފެށީ އޭޕްރިލް 28 ވަނަ ދުވަހުއެވެ. އޭރު މިމައްސަލައިގައި ޑޮކްޓަރަކު ހައްޔަރުކުރި ނަމަވެސް، އޭނާ މިކަން ކޮށްފައިވަނީ ގަސްތުގައި ބަލިޖެއްސުމުގެ ނިޔަތުގައި ނޫންކަން މިހާރު ވަނީ ހާމަވެފައެވެ. ނަމަވެސް މިފަހަރު ގިނަ ބަޔަކަށް ބަލިޖެހިފައި ވަނީ އެ ޑޮކްޓަރުގެ ސަބަބުންކަމަށް ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.