ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންވާ އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އުފަން ކުރުވީ ޖަލުގައި އޮންނަވައިގެން ކަމަށް އަދީބު މިރޭ ވިދާޅުވެއްޖެއެވެ.

އެމްޓީޑީގެ ދިދައާއެކު ނަންގަވާފައިވާ ފޮޓޯއެއް އަދީބު އެފްބީގައި ކުރައްވާ ވިދާޅުވީ "އަހަރެން ޖަލުގައި ހުރެ އެމްޓީޑީގެ ފިކުރާ، އަސާސީ ގަވާއިދު އަދި ފްރޭމްވޯކު ވެސް ލިޔުނީ" ކަމަށެވެ.

މިއީ އެމްޓީޑީއާއި ގުޅޭގޮތުން އަދީބު އެއްޗެއް ވިދާޅުވި ފުރަތަމަ ފަހަރެވެ. އެމްޓީޑީ އުފެއްދެވުމަށް އެންމެ އިސްކޮށް ހުންނެވީ އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފެވެ. އަދި ޕާޓީއަށް އެންމެ ފުރަތަމަ ސޮއިިކުރެއްވީ އަދީބެވެ.

އަދީބަކީ އެ ޕާޓީގެ ލީޑަރެވެ. އަދި އާސިފް ނައިބު ރައީސްކަމުން ވަކިވެވަޑައިގަތުމާ ގުޅިގެން އެ ޕާޓީގައި މިހާރު ތިއްބެވި ނައިބުންނަކީ ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޔާމީނާއި، ސައިފް އަހުމަދެވެ.

https://www.facebook.com/ahmed.adeebs/posts/2350763991612544

އެމްޓީޑީން ވަނީ ޕާޓީ އުފައްދަން ހުށަހަޅާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޕާޓީއަށް 3000 މެންބަރުން ހަމަކޮށް ޕާޓީ ރަޖިސްޓާ ކޮށްފައެވެ. އަދި ޕާޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވާ އިރު، އެ ޕާޓީގެ ނައިބު ރައީސް ޔާމީން ވަނީ އަދީބު ރާއްޖޭގެ ވެރިކަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ކުރީ ސަރުކާރުން އަދީބުގެ މައްޗަށް އެކި މައްސަލަތަކުގައި ދައުވާކޮށް، އެ ދައުވާތައް ސާބިތުވެގެން އެކި މައްސަލަތަކުގައި 33 އަހަރުގެ ޖަލުހުކުމެއް އިއްވިއެވެ. އަދި މީގެ ތެރެއިން ހަތަރު އަހަރު ޖަލުގައި އޮންނެވުމަށްފަހު، އެ މައްސަލަތައް ކޯޓުން ބާތިލް ކުރުމާއެކު އަދީބު ވަނީ މިނިވަންވެވަޑައިގެންފައެވެ.