އެތައް އަހަރެއްގެ މުއްސަނދި ސަގާފަތެއް އޮތް މިއުޒިކްގެ ދުނިޔެއަށް މިދިޔަ ދެތިން އަހަރެއްހާ ދުވަހު އައިސްފައިވާ ބަދަލުގެ އެންމެ ބޮޑު އެއް ހިސާދާރަކީ އޮންލައިން ޕްލެޓްފޯމުގެ އިންގިލާބޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

މޯބައިލް މިއުޒިކް އެޕްލިކޭޝަންތަކާ ވީޑިއޯ ހިއްސާކުރާ ސައިޓްތަކުގެ އަދަދު އިތުރުވަމުންދާ ވަރަކަށް މިއުޒިކުގެ މަގުބޫލުކަންވެސް ދަނީ އިތުރުވަމުންނެވެ.

އިންޑިއާގެ މިއުޒީޝަން ނިޝާދް ޝާހް ސިފަކުރާ ގޮތުގައި އަދުގެ މުޖުތަމައަށް މިއުޒިކް އުފެއްދުމުގައި ބަލަންޖެހޭ ކަންތައްތަކެއް ހުރެއެވެ. ނިޝާދު ބުނާ ގޮތުގައި އަދުގެ މުޖުތަމައަށް ކަމުދާ ވަކި ޜޯންޜޯއެއް އޮވެއެވެ. އަދި ބައެއް ކަހަލަ ލިރިކްސްތަކަކީ އޮންލައިން ޕްލެޓްފޯމުގައި އިންތިހާއަށް މަގުބޫލު ލިރިކްސްތަކަކަށްވެއެވެ. މިދެބައި އެއްކޮށްލެވިއްޖެނަމަ އަދުގެ ހާލަތަށް އެއޮތީ ކާމިޔާބު ލަވައެއް ހެދިފައިކަމަށް ނިޝާދު ޝާހު ބުނެއެވެ.

ޒުވާން ގިޓަރިސްޓް އަދި ވޯކަލިސްޓް މަޔާންކް ކަޕާޑިއާ ބުނާ ގޮތުގައި އޯޑިއަންސް ބޭނުންވަނީ އެމީހުންނަށްވެސް އެނގޭ ލަވަތަކެވެ. ބޭންޑާއެކު އޯޑިއަންސްވެސް ލަވާގައި ބައިވެރިވެ މަޖާކުރުމަށެވެ.

މިއާއެކު ހަގީގީ އުފެއްދުންތެރިކަން ދަށްވެއްޖޭވެސް ބުނެވިދާނެއެވެ. އަރަމުން އަންނަ ޒުވާން ފަންނުވެރިން ހުރިހާ ވަގުތެއް ހެން ހުސްކޮށްލާފައިވަނީ އެހެން ބަޔަކު އުފައްދާފައިވާ އުފެއްދުންތަކެއްގެ ކަވާ ވާޝަންތައް ހުށަހަޅާ ދިނުމަށެވެ. ކެފޭތަކާ ރެސްޓޯރަންޓުތަކުންވެސް އަމިއްލަ މިއުޒިކެއްގެ އަޑު މަދުން ނޫނީ ނީވެއޭވެސް ދެންނެވިދާނެއެވެ. ޅެންވެރިކަންވެސް ހަމަ މިފަދައެވެ.