ނިމިގެން މިދާ މާލީ އަހަރު، ޕާކިސްތާނުގެ އިގުތިސޯދީ އުފެއްދުންތެރިކަމުގެ ކުރިއެރުމުގެ ނިސްބަތް އުޅޭނީ 3.3 ޕަސެންޓް ގައި ކަމަށް އެ ގައުމުގެ މާލީ ވުޒާރާއިން ލަފާކޮށްފިއެވެ.

ހިނގަމުން މިދާ ޕާކިސްތާނުގެ މާލީ އަހަރު ނިމޭނީ މި ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ކުރިން އަންދާޒާކޮށްފައިވާ ގޮތުގައި ޕާކިސްތާނުގެ އިގުތިސޯދީ އުފެއްދުންތެރިކަމުގެ ނިސްބަތް އުޅޭނީ 6.2 ޕަސެންޓް ގައެވެ.

ކަންމިހެން އޮތް ނަމަވެސް 2020 ވަނަ އަހަރުގެ ޖޫން މަހު ނިންމާ މާލީ އަހަރު، ޕާކިސްތާނުގެ އިގުތިސޯދީ އުފެއްދުންތެރިކަމުގެ ނިސްބަތް 4 ޕަސެންޓަށް އުފުލޭނެ ކަމަށްވެސް އެ ގައުމުން ވަނީ ލަފާކޮށްފައެވެ.

ޕާކިސްތާނުގެ އަދުގެ ސަރުކާރުން އެގައުމުގެ ވެރިކަމާ މިދިޔަ އަހަރުގެ އޯގަސްޓް މަހު ހަވާލުވިއިރު އިގުތިސޯދީ ދަރަނީ ވަނީ ޖީޑީޕީ ނުވަތަ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 7 ޕަސެންޓަށް އަރާފައެވެ.

އިގުތިސޯދު ނަގަހައްޓާ، ގައުމުގެ މާލިއްޔާ މުއްސަނދި ކުރުމަށް ސަރުކާރުން ކުރި މަސައްކަތްތަކާއެކުވެސް ޕާކިސްތާނުގެ އިގުތިސޯދީ ސެކްޓަރުތަކުން ހީކުރި ވަރުގެ އާމްދަނީއެއް ބަދަލުގައި ލިބިފައި ނުވާކަމަށް ޚަބަރު ލިބެއެވެ. އެގޮތުން ދަނޑުވެރިކަމުގެ ސިނާއަތަށް 0.8 ޕަސެންޓްގެ ކުރިއެރުމެއް އައިއިރު ސިނާއީ އުފެއްދުންތެރިކަމަށް އައިސްފައިވަނީ 1.4ޕަސެންޓްގެ ކުރިއެރުމެއް ކަމަށް މައުލޫމާތު ލިބެއެވެ.