އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއްޔެ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރާއްޖެއިން ފުރާވަޑައިގެންފިއެވެ.

މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖެ ވަޑައިގެންނެވީ އިއްޔެ މެންދުރުފަހު 3:00 ގައެވެ. މި ދަތުރުދުޅަކީ އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ދެވަނަ ފަހަރަށް އިންތިހާބުވެ ވަޑައިގެންނެވުމަށްފަހު މޯދީ ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. 'ނެއިބާހުޑް ފަސްޓް' ގެ ޝިއާރުގައި ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މޯދީ ރާއްޖެއިން ފުރާވަޑައިގެން، ދެން ވަޑައިގަންނަވާނީ ސްރީލަންކާއަށެވެ.

މޯދީ ފުރާވަޑައިގަންނަވަމުން ވަނީ ޓްވީޓެއް ކުރައްވާ ދިވެހި ރާއްޖެއިން ލިބިވަޑައިގެން ލޯތްބާއި ދިވެހިން ބެހެއްތީ ގާތްކަމަށް ޝުކުރުވެރިވާކަމަށް ވިދާޅުވެފައެވެ.

ތިޔަ ދެއްވި ފުރިހަމަ މެހެމާންދާރިއަށް ދިވެހި ރައްޔިތުންނަށާއި ދިވެހި ސަރުކާރަށް ޝުކުރު ދަންނަވަން
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ

ރާއްޖެއިން މޯދީ ފުރާވަޑައިގަތުމުން، ފޮރިން މިނސިްޓާ އަބްދުﷲ ޝާހިދު ވަނީ މޯދީ ރާއްޖެއަށް ވަޑައިގަތުމުން ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށް ވިދާޅުވެ ޓްވިޓެއް ކުރައްވާފައެެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނަށް ވަނީ ރާއްޖެއިން ވަރަށް ހޫނު ގަދަ މަރުހަބާއެއް ކިޔާފައެވެ. މޯދީއަށް މަރުހަބާ ދެންނެވުމުގެ ގޮތުން ފުރަތަމަ ކުރިޔަށް ގެންދިޔަ ހަރަކާތުގައި ގައުމީ ހެދުމުގައި ސްކޫލު ކުދިންގެ ނެށުމުގެ އައިޓަމެއް ވަނީ ދައްކާލާފައެވެ. އިއްޒުއްދީން ފާލަން ސަރަހައްދަށް ސަރުކާރުގެ ކެބިނެޓްގެ ހުރިހާ ވަޒީރުނާއި ރާއްޖޭގެ އިސްވެރިންނާއި ލީޑަރުންގެ އިތުރުން ދައުލަތުގެ އިއްޒަތްތެރިންނާއި މޯދީ ވަނީ ސަލާމް ކުރައްވުމަށް ވަޑައިގެންފައެވެ. އެއަށްފަހު، އެމަނިކުފާނަށް ވަނީ އެމްއެންޑީއެފްގެ ގާޑް އޮފް އޮނާ، އެރުވުމުގެ އިތުރުން 21 ބަޑީގެ ސަލާމެއް ވެސް ދީފައެވެ.

ޖުމްހޫރީ މައިދާނުގެ މޯދީއަށް މަރުހަބާ ދެންނެވުމަށް ބާއްވި ހަރަކާތްތަކަށް ފަހު އެމަނިކުފާނު ރައީސް އޮފީހަށް ވަޑައިގެން އެމަނިކުފާނު ވަނީ، މެހެމާނުންގެ ފޮތުގައި ސޮއި ކުރެއްވުމަށް ފަހު، އިންޑިއާއާ ރާއްޖެއާ ދެމެދު ހަ އެއްބެސް ވުމެއްގައި ސޮއި ކުރައްވާފައެވެ. އެގޮތުން، މި އެއްބަސްވުން ތަކުގެ ތެރޭގައި، ދިވެހި ސިވިލް ސާވިސްގެ 1000 މުވައްޒަފުން ތަފާތު ދާއިރާތަކުން ތަމްރީނު ކުރުމުގެ އެއްބަސްވުމާއި އިންޑިއާގެ ކޮޗިނުން ހދ. ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ފެރީގެ ނިޒާމް ގާއިމްކުރުމުގެ އެއްބަސްވުމާއި ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާ ކުރުމުގެ އެއްބަސްވުން ހިމެނެއެވެ. މީގެ އިތުރުން، ހައިޑްރޯގްރަފީ އަދި އޯޝަން އިކޮނޮމީއާ ގުޅޭ އެއްބަސްވުމާއި ވައިޓް ޝިޕިން އިންފޮމޭޝަން ހިއްސާކުރުމަށް ދެގައުމުގެ ދިފާއީ ބާރުތަކާ ދެމެދު ވެވުނު އެއްބަސްވުމުގެ އިތުރުން ކޯޕަރޭޝަން އޮން ކަސްޓަމްސް ކެޕޭސިޓީ ބިލްޑިންގެ އެއްބަސްވުން ހިމެނެއެވެ.

މޯދީ ރާއްޖެ ވަޑައިގެންނެވުމުން، ދިވެހި ސަރުކާރުން ވަނީ އެމަނިކުފާނަށް ރާއްޖޭގެ އެންމެ މަތީ ލަގަބު ކަމުގައިވާ ނިޝާން އިއްޒުއްދީންގެ ލަގަބު އަރުވާފައެވެ. އެއީ، ދޮންބަންޑާރައިން ނުވަތަ އައްސުލްތާން ޣާޒީ ހަސަން އިއްޒުއްދީނަށް ނިސްބަތްވާ ލަގަބެވެ. މި ލަގަބު އެރުވުމަށްފަހު، އިންޑިއާއާ ރާއްޖެއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑާއިގެންނެވުމަށްފަހު، އެމަނިކުފާނު ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށެވެ.