ހައްލުކުރެވެން ހުރި ހުރިހާ މައްސަލައެއް ހައްލުކުރެއްވުމަށްޓަކައި މަޝްވަރާކުރައްވަން ބޭނުންފުޅުކަމަށް ވިދާޅުވެ، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ކިރިގިސްތާނުގައި އަންނަ ހަފުތާގައި އޮންނަ ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓްގައި މޯދިއާއި އިމްރާން ހާންގެ ބައްދަލުވުމެއް ނުއޮންނާނެ ކަމަށް އިންޑިއާއިން ބުނެފައިވަނިކޮށް ޕާކިސްތާނުގެ ބޮޑުވަޒީރު ފޮނުއްވިކަމަށް ބުނާ ސިޓީފުޅުގައި ކަޝްމީރުގެ މައްސަލައާއި ބެހޭ ގޮތުން މަޝްވަރާކުރައްވަންވެސް ތައްޔާރަށް ހުންނެވިކަން ފާހަގަކުރައްވާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޑިއާއާއި ޕާކިސްތާނަށްވެސް މިވަގުތު އޮތް އެންމެ ފައިދާ ބޮޑު ގޮތަކަކީ ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުން ކަމަށާ، މިކަމަކީ ފަގީރުކަން ނައްތާލާ، ސަރަހައްދީ ކުރިއެރުމަށް މުހުންމު ކަމެއްގެ ގޮތުގައި އިމްރާން ހާން ދެކެވަޑައިގަންނަވާކަމަށްވެސް ޕާކިސްތާނުގެ މީޑިއާއާއި ހަވާލާދީ އިންޑިއާގެ ޚަބަރުތައް ބުނެއެވެ.

އިމްރާން ހާންގެ ހުށަހެޅުއްވުމަށް އިންޑިއާއިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.