1989 ވަނަ އަހަރު އެމެރިކާގެ ނިއު ޔޯކް ސިޓީގެ ސެންޓްރަލް ޕާކު ތެރޭގައި ހިނގާދިޔަ ރޭޕްގެ ހާދިސާއާއި ގުޅިގެން، އިންސާފުން ބޭރުން ކަޅު ނަސްލުގެ 5 ކުއްޖެއްގެ މައްޗަށް ނުހައްގުން ޝަރީއަތް ހިންގާ ހުކުމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮސެކިއުޓާ ލިންޑާ ފެއާސްޓީންގެ ފޮތް ޝާއިއުކުރުމަށް، ފޮތް ޕަބްލިޝްކޮށްދޭ ފަރާތުން ނޫނެކޭ ބުނެފިއެވެ.

މިހާދިސާގެ މައްޗަށް ބިނާކޮށް ކެވިން އަދި ސޭރާ ބާންސް 2012 ވަނަ އަހަރު ރިލީޒްކުރި ޑޮކިއުމަންޓްރީ "ސެންޓްރަލް ޕާކް ފައިވް"އަށްފަހު ބޮޑެތި ތަކުލީފުތަކެއް އުފުއްލަންޖެހިފައިވާ ލިންޑާ ފެއާސްޓީން ލިޔުނު ފޮތް ޝާއިއު ކުރުމަށް މިފަހަރު ޕަބްލިޝަރުން ހުރަސް އަޅާފައިވަނީ، ހަމަ މިހާދިސާގެ މައްޗަށް ބިނާކޮށް ނެޓްފްލިކްސްއިން މީގެ ހަފުތާއެއްހާ ދުވަސްކުރިން ޕްރިމިއާކުރި ލިމިޓަޑް އެޑިޝަން ވެބްސީރީޒް "ވެން ދޭ ސީ އަސް"އާއި ގުޅިގެންނެވެ.

އެލަން ކޫޕާ ކްރައިމް ނޮވެލްސްއާއި ޑެވްލިކް ކުއިކް މިސްޓްރީޒްއަކީ ލިންދާ ފެއާސްޓީން ލިޔަމުން އަންނަ ސިލްސިލާ ވާހަކަތަކަށްވާއިރު، "ވެން ދޭ ސީ އަސް" ޕްރިމިއާ ކުރުމާއެކު ގިނަ ބަޔަކު ދަނީ އޭނާ ބޮއިކޮޓް ކުރުމަށް ޑިމާންޑް ކުރަމުންނެވެ.

ކުތުބުހާނާތަކުން އޭނާގެ ފޮތްތައް ނެގުމަށް ޕެޓިޝަންތައް ވެސް ހަދާފައިވާއިރު، 2019 ވަނަ އަހަރަށް ހާއްސަކޮށްގެން އޭނާ ތައްޔާރުކުރި ފޮތް "ބްލަޑް އޯތް" ޕްރޮމޯޓްކުރުމަށް ޖެހިލުމެއް ނެތި ލިންޑާ ފެއާސްޓީން ސޯޝަލް މީޑިއާގައި ހިންގި ކެމްޕޭންތައް މިހާރު ވަނީ ޑިލީޓްކޮށްފައެވެ.

ކަޅު ނަސްލުގެ 5 ކުއްޖެއްގެ މައްޗަށް ބޭއިންސާފުން ދައުވާ ކުރުމުގައި އިސްކޮށް އުޅުނު ލިންޑާ ފެއާސްޓީން ލިޔެފައިވާ ބައެއް ވާހަކަތައް/ފޮޓޯ: ޓީއެމްޒީ

މި ހުރިހާ ކަމެއްގެ ރުޅި ލީންޑާ ފެއާސްޓީން ބާލަމުންދަނީ ނެޓްފްލިކްސްއަށް ސީރީޒް ތައްޔާރުކޮށްދިން އޭވާ ޑުވާނޭއަށެވެ. ލިންޑާ ފެއާސްޓީންގެ ޓްވިޓާ އަދި ފޭސްބުކް އެކައުންޓްތައް ވެސް މިހާރު ޑީއެކްޓިވޭޓް ކޮށްފައިވާއިރު، އޭނާ ބުނީ އޭވާގެ ސީރީޒްގައި އޭނާ ތަސްވީރުކޮށްދީފައި ވަނީ ވަކި ފަރާތަކަށް ބުރަވެ، އޭނާ ހަގީގަތުގައި ދެއްކި ވާހަކަތަކުގެ އަސްލު އޮޅުވާލައިގެން ކަމަށެވެ.

އޭވާ ބުނީ ސީރީޒް ތައްޔާރުކުރުމުގައި ލިންޑާ ފެއާސްޓީންގެ އެހީތެރިކަން ހޯދި ކަމަށާ، ނަމަވެސް އޭނާ ޖަހަމުންދިޔަ ހާ ބެރަކަށް ނުނަށާނެ ކަމަށެވެ. އަދި ލިންޑާ ފެއާސްޓީން ކުރަމުންދިޔަ ބޮޑެތި ޑިމާންޑްތަކަށް ވެސް ކޭޓާކޮށްފައިނުވާނެ ކަމަށެވެ.

1989 ވަނަ އަހަރުގެ ހާދިސާގައި ކަޅުނަސްލުގެ 5 ކުއްޖެއްގެ މައްޗަށް ނުހައްގުން ދައުވާ އުފުލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކީ އޭރު މެންހެޓަން ޑިސްޓްރިކްޓް އެޓާނީ ސެކްސް ކަރައިމްސް ޗީފްގެ މަގާމުގައި ހުރި ލިންޑާ ފެއާސްޓީންއެވެ. "ވެން ދޭ ސީ އަސް"ގައި ލިންޑާގެ ރޯލު އަދާކޮށްފައިވަނީ ފެލިސިޓީ ހަފްމަންއެވެ.

އެ 5 ކުދިން މިހާރު ކޮބާ؟

ކޮންމެ އެޕިސޯޑެއްވެސް ގަޑިއެއްހާއިރަށް ދެމިގެންދާ ގޮތަށް ޖުމުލަށް 4 އެޕިސޯޑްގެ މައްޗަށް އެކުލެވޭ ވެބް ސީރީޒް "ވެން ދޭ ސީ އަސް"އަކީ އެންމެ ހިތްވަރުގަދަ މީހާއަށްވެސް ނުރޮއި ނީނދެވޭނެ ސީރީޒްއެއް ކަމަށް، މިހާތަނަށް މި ސީރީޒް ބެލި ގިނަ ބަޔަކު އިއްތިފާގުވެއެވެ. މި ސީރީޒްއިން ފެނިގެންދަނީ ޓްރީޝާ މެއިލީ ސެންޓްރަލް ޕާކު ތެރޭގައި ރޭޕްކޮށްލި ހާދިސާއާއި ގުޅިގެން ކޯރީ ވައިޒް، ކެވިން ރިޗަޑްސަން، އެންޓްރޯން މެކްރޭ، ޔޫސުފް ސަލާމް އަދި ރޭމަންޑް ސެންޓާނާއަށް ބޭއިންސާފުން ދައުވާ އުފުލާ މަންޒަރާ، އެކަން ކުރުމަށް ފުލުހުން ހިންގާ ޖަރީމާތަކާ، ހައްޔަރު ކުރުމަށްފަހު އެކުދިންނަށް ވީ ގޮތުގެ ވާހަކަތަކެވެ.

މި ސީރީޒް ބެލި މީހުން ބުނާ ގޮތުގައި މި ހާދިސާއާއި މެދު ކުރިން ދެކެވެމުން އައި ގޮތް މިހާރު ވަނީ މުޅިން ބަދަލުވެފައެވެ.

މިހާދިސާގައި ހަގީގީ ޝިކާރައަކަށްވީ 5 ކުދިންނަށް ބަލާއިރު ކޯރީ ވައިޒްއަކީ މިހާރު އޭނާ ފަދައިން އިންސާނުން ބޭރުން ދައުވާ އުފުލޭ ކުދިންނަށް އެހީވުމަށް ކޯރީ ވައިޒް އިނޮސަންސް ޕްރޮޖެކްޓްގެ ނަމުގައި ހާއްސަ އެހީދޭ ކެމްޕޭނެއް ހިންގަމުންދާ ޒުވާނެކެވެ.

ރޭމަންޑް ސެންޓާނާއަކީ މިހާރު ވިޔަފާރިވެރިއެކެވެ. ޕާކް މެޑިސަން އެންވައިސީގެ ނަމުގައި އޭނާ ހިންގާ ފެޝަންލައިންގެ ބައެއް އުފެއްދުންތަކަށް ބަލާއިރު 1989 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔައުމާއެކު ނެގި މަގްޝޮޓްގެ ފޮޓޯޖެހި ޓީޝާޓްއަކީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ޕްރޮޑަކްޓްއެކެވެ.

ޔޫސުފް ސަލާމް މިހާރު ދިރިއުޅެމުންދަނީ އޭނާގެ އަންހެނުންނާ 10 ދަރިންނާއެކު ޖޯޖިއާގައެވެ. އޭނާއަކީ އާންމުންނަށް ހިތްވަރުދިނުމުގެ ގޮތުން ތަގުރީރުތައް ދީ އުޅޭ މީހެއްގެ އިތުރުން ލިޔުންތެރިއެކެވެ. އޭނާގެ ހުރިހާ ވަގުތެއްހެން ހުސްކޮށްފައިވަނީ ޖިނާއީ އަދުލުގެ ނިޒާމު އިސްލާހު ކުރުމަށެވެ.

އެންމެ ބޮޑު ތަކުލީފެއް އުފުލި އެންޓްރޯން މެކްރޭއަކީ އެންމެ ފުރަތަމަ މިނިވަންވި އެކަކެވެ. ނަމަވެސް އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން މީޑިއާއާއި ދުރުގައި އުޅެފައެވެ. ދުވަސްކޮޅަކަށް އަމިއްލަ ނަންވެސް ވަދަލުކޮށްގެން އުޅުނު އެންޓްރޯން ބުނާ ގޮތުގައި އެހާދިސާއަށްފަހު އަދިވެސް އޭނާގެ ރުޅި މަޑެއް ނުވެއެވެ. ނާއިންސާފުން އޭނާގެ މައްޗަށް ދައުވާ ކުރި މީހުންނަށް އަދިވެސް އޭނާ ނަފުރަތު ކުރެއެވެ.

1989 ވަނަ އަހަރު ނިއު ޔޯކް ސިޓީ ސެންޓްރަލް ޕާކު ތެރޭގައި ޒުވާނަކު ރޭޕްކޮށްލި ހާދިސާގައި ނުހައްގުން އަދަބު ލިބުނު 5 ޒުވާނުން، "ވެން ދޭ ސީ އަސް"ގެ ޕްރިމިއާ އިވެންޓްގައި/ފޮޓޯ: ގެޓީއިމޭޖަޒް

ރޭޕްގެ މައްސަލާގައި ހައްޔަރުކޮށް ނަހައްގުން ޖަލަށްލި އެންމެ ހަގު ކުއްޖަކީ ކެވިން ރިޗާޑްސަންއެވެ. އޭނާގެ އިހުސާސްތައް ސިފަކޮށްދެމުން ރިޗަޑްސަން ބުނީ، އެއީ 30 އަހަރުވަންދެން މީހާގެ އަތުގައި ސޮޑާ ދަޅެއް ތަޅުވާފައި ކަނޑާލުމުން ދެން އެވާ ގޮތް ކަމަށެވެ.

ސެންޓްރަލް ޕާކުގައި ޓްރީޝާ ރޭޕްކޮށްލި ހަގީގީ ކުށްވެރިޔާ މަތިޔާސް ރައްޔޭސް (ވ) އަދި "ވެން ދޭ ސީ އަސް"ގައި އޭނާގެ ރޯލު ކުޅުނު ރީޒް ނޮއި/ފޮޓޯ: ގެޓީއިމޭޖަޒް އަދި ނެޓްފިލިކްސް

ސެންޓްރާލް ޕާކު ތެރޭގައި ދުވަން ނިކުމެ އުޅުނު ޓްރީޝާ ޝިކާރަކުރި އަސްލު ކުށްވެރިޔަކީ މަތިޔާސް ރައްޔޭސްއެވެ. މި ކުށަށް އޭނާ އަމިއްލައަށް އިއުތިރާފުވީ 2002 ވަނަ އަހަރުއެވެ. އޭނާ މިވަގުތު ހުރީ އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި، ނިއުޔޯކްގެ ޖަލެއްގައެވެ. ޕެރޯލްގެ ދަށުން މިނިވަންވުމުގެ ފުރުސަތު، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭނާއަށް ލިބޭނެ ކަމަށް މައުލުމާތު ލިބެއެވެ.