މާލޭގައި ދެ ސައިކަލް އެކްސިޑެންވެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގާ އޭގެތެރެއިން އެއް ސައިކަލް ދުއްވަން އިން މީހާގެ ނިތްކުރި ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ބޮޑުތަކުރުފާނު މަގުގެ ހުޅަނގުން އިރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކާއި ހިލާލީ މަގުން ބޮޑުތަކުރުފާނު މަގަށް ނުކުތް ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 12:38 ހާއިރެވެ. ދެ ސައިކަލު ދުއްވަން ތިބި ދެމީހުންގެ އަތުގައިވެސް ލައިސެންސް އޮތް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިދިޔަ މަހުގެ ތެރޭގައި މާލޭގައި އެކަނި 221 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. މީގެ ތެރެއިން އެންމެ ގިނައިން އެކްސިޑެންޓް ހިނގާފައި ވަނީ ރޯދަ މަހުގެ ފަހު ހަފްތާ ތެރޭގައެވެ. އެ ހަފްތާގައި 64 އެކްސިޑެންޓު ހިނގާފައިވާއިރު، މިއީ ނިސްބަތުން ދުވާލެއްގެ މައްޗަށް 10 ވަރަކަށް އެކްސިޑެންޓެވެ. މި އެކްސިޑެންޓު ތަކުގައި 54 މީހަކަށް އަނިޔާވެގެން ފަރުވާދީފައި ވެއެވެ.