އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯދީގެ ދަތުރުފުޅުގެ ތަފްސީލު އެ މިނިސްޓްރީން ހާމަކޮށްފިއެވެ.

މާދަމާ މެންދުރުފަހު ރާއްޖެ ވަޑައިގެންނެވުމަށްފަހު، މޯދީއަށް ރަސްމީކޮށް މަރުހަބާ ދެންނެވުން ހަވީރު 4:00 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދް ހަލީލް ވިދާޅުވިއެވެ. އެއަށްފަހު ރައީސް އޮފީހަށް ވަޑައިގެން އެއްބަސްވުންތަކުގައި ސޮއި ކުރެއްވުމަށްފަހު، އިންޑިއާއިން ހަދިޔާކޮށްފައިވާ ރާޑަރު ސިސްޓަމްތަކާއި، ޅ މާފިލާފުށީގައި ގާއިމުކުރި ސިފައިންގެ ކޮމްޕޮސިޓް ޓްރެއިންގް ސެންޓަރު އިފްތިތާހު ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެއަށްފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މޯދީ ބައިވެރިވެވަޑައިގަންނަވާ ޖޮއިންޓް ޕްރެސް ކޮންފަރެންސް އަށް ފަހު، އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ ސަރުކާރުގެ އިސް ބޭފުޅުންނާއި ސިޔާސީ ލީޑަރުންނާއި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ސޯލިހް ދެއްވާ ހާއްސަ ޖާފަތެއްގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

މޯދީގެ ދަތުރުފުޅުގެ ތަފްސީލު

  • މޯދީ ރާއްޖެ ވަޑައިގަންނަވާނީ މާދަމާ މެންދުރުފަހު
  • މޯދީއަށް މަރުހަބާ ދެންނެވުން ޖުމްހޫރީ މައިދާނުގައި
  • ދެގައުމުގެ ދެމެދުގައި އެއްބަސްވުންތަކުގައި ސޮއި ކުރުން ރައީސް އޮފީހުގައި
  • އިންޑިއާ އިން ދިން ރާޑަރު ސިސްޓަމާއި ސިފައިންގެ ޓްރެއިނިންގް ސެންޓަރު އިފްތިތާހުކުރުން
  • ޖޮއިންޓް ޕްރެސް ކޮންފަރަންސް
  • ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުން
  • ރައީސް ސޯލިހު ދެއްވާ ހާއްސަ ޖާފަތް
  • ރާއްޖޭ ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ސިޔާސީ ލީޑަރުންނާ ބައްދަލުކުރެއްވުން

މޯދީގެ މިދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވާ އިންޑިއާގެ ރަސްމީ ވަފުދުގައި 10 ބޭފުޅުން ހިމެނިވަޑައިގަންނަވާ އިރު، ނުރަސްމީ ހައިސިއްޔަތުން ގާތްގަނޑަކަށް 100 ވަރަކަށް ބޭފުޅުންގެ މޯދީ އަރިހުގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ސްޓޭޓް މިނިސްޓަރު ހަލީލް ވިދާޅުވިއެވެ.

މިދަތުރުފުޅުގައި މޯދީ ބައްދަލުކުރައްވަން ހަމަޖެހިފައިވާ ސަރުކާރުގެ އިސް ބޭފުޅުންނާއި ސިޔާސީ ލީޑަރުންގެ ތެރޭގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލާތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ހިމެނެއެވެ.

މޯދީގެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖޭން ފުރާވަޑައިގަންނަވަން ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.