ހިނގަމުން މިދާ ޖޫން މަހަކީ ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނުގެ ބޮޑުވަޒީރުން މޫނާ މޫނުފުޅު ބައްދަލުވެ އެއް މާހައުލެއްގައި ވަގުތުތަކެއް ހޭދަކުރައްވަން ކޮންމެހެން ޖެހިވަޑައިގަތުމުގެ ފުރުސަތު ބޮޑު މަހެކެވެ. މިކަމެއް ހިނގާނެ ކަމަށް ބެލެވެނީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓްގެ ތެރެއިންނެވެ. މި އިވެންޓްގެ އެއް ބާނީ ކަމަށްވާ ޗައިނާއިން މިހާރުވެސް އޮތީ އިންޑިއާއާއި ޕާކިސްތާނު ސުލްހަ ކުރާނެ ފުރުސަތަކަށް ބަލަބަލައެވެ. ސަރަހައްދީ އިމުގައި ހަނގުރާމައެއް ފެށުމަކީ، އިގުތިސޯދީ 1 ވަނަ ބާރުގެ މަގާމަށް ފައި ވިއްދައިގެން އޮތް ޗައިނާއަށް ހަޖަމުކުރަން މާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ވުމާއެކު، މޯދީ-ހާން ސުލްހައިގެ ބައްދަލުވުމެއް ޗައިނާގެ އިސްނެގުމުގެ ދަށުން ރޭވިގެން ދިއުމަކީ، މީގެ ކުރިން އިވިފައި ނުވާފަދަ ސުލްހައިގެ ހެޔޮ ޚަބަރުތަކެއް ގުގުމާލާނެ ކަމަކަށް ވެގެންދިއުމުގެ ފުރުސަތު އެބައޮތެވެ.

ސިޔާސީ މަސްރަހު ދިރާސާކުރާ މުރާސިލުން ސިފަކުރާ ގޮތުގައި ހުސްވި މަހުގެ ކާމިޔާބު އިންތިހާބަށްފަހު ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކާ މޯދީ ކުރިމަތިލެއްވި އިރު އޭނާ އެ ހުންނެވީ ވަރަށް އާދަޔާ ހިލާފު ހިސާބެއްގައެވެ. މޯދީ ކުރިއަށް ނެރެއްވާ އިސްކޮށް ގެންގުޅުއްވަނީ ގައުމިއްޔަތުގެ ފިކުރެކެވެ. ގައުމީ ސަލާމަތުގެ އައްޑަނައެކެވެ. އެހެންކަމަށް ވުމާއެކު، ޒަމާންވީ އަދުވުގެ ގޮތުގައި އޮތް ޕާކިސްތާނާ ސުލްހައިގެ ސަލާމްކޮށްލުމަށް އިސްވެ އަތްޕުޅު އުފުއްލަވާލެއްވުމަށް މޯދީއަށް ވުރެ ވަކިން ތަނަވަސް މަގާމެއްގައި ހުންނެވި ލީޑަރެއް އިންޑިއާގެ ތާރީހު ނުދެކޭ ކަމަށް ބުރަވާ މުރާސިލުން މަދެއް ނޫނެވެ.

ޗައިނާގެ ރައީސް ޝީ ޖީންޕިންގް (ކ) ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންއާއި ސަލާމްކުރައްވަނީ/ފޮޓޯ: އެސްސީއެމްޕީ

ނިއުކްލިއާ 2 ބާރުގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހަމަ ދެންމެ ދެންމެ ވަރުގަދަ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އުފެދިގެން ދިޔައީވެސް ހާންއާއި މޯދީގެ ވެރިކަމުގައެވެ. އެއީ މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ. ޕުލްވާމާ ހަމަލާއާއި ބަލަކޮޓް އޮޕަރޭޝަންގެ ތެރެއިންނެވެ. ނަމަވެސް، ކަން ނިމިގެން ދިޔައީ ހައިރާން ކުރުވަނިވި ގޮތަކަށެވެ. އިންޑިއާއާއި ޕާކިސްތާނުންވެސް ނަސްރު އިއުލާންކުރިއެވެ. އިންޑިއާއާއަށް ނަސްރަކަށްވީ ވައިގެ މަގުން ހަމަލާ ދޭން މޯދީ އިޒުނަ ދެއްވި ކަމެވެ. ޕާކިސްތާނަށް ނަސްރަކަށްވީ އިންޑިއާއިން ފޮނުވާލި އަސްކަރީ ބޯޓު ވައްޓާލެވުމެވެ. ދެގައުމުންވެސް އިއުލާންކުރި ނަސްރަކީ ނުރައްކާތެރި ފިޔަވަޅެއްކަން އެނގެން އޮތީ މޯދީގެ 2 ވަނަ ދައުރުގެ ވެރިކަން ހިނގައިގަތުމުންނެވެ.

ޕާކިސްތާނާ ވީ ފަޅިން ބަލާއިރު، އަސްކަރިއްޔާގެ އިސްވެރިޔަކަށް ހުންނެވި ޖެނެރަލް ޤަމަރު ޖާވިދު ބަޖުވާއަކީ އިންޑިއާއާއި ސުލްހަ ގާއިމުކުރެއްވުމަށް މަސައްކަތްކުރެއްވުމުގެ ފާލަމެއްގެ ގޮތުގައިވެސް ސިފަކުރެވިދާނެ ބޭފުޅެކެވެ. އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ލައިން އޮފް ކޮންޓްރޯލް (އެލް.އޯ.ސީ) ސަރަހައްދުގައި ހަމަލާ ބަދަލުކުރުންތައް ކޮންޓްރޯލް ކުރެއްވުމުގައި ޖެނެރަލް ބަޖުވާގެ އިސް ދައުރެއް އޮވެއެވެ. އިންޑިއާއާއި ޕާކިސްތާނާ ދެމެދު ދީނީ ބޭނުންތަކަށް ދަތުރުކުރާ ސިކުންގެ މީހުންނަށް ވިސާއާއި ނުލާ ދަތުރުކުރުމުގެ ފުރުސަތު ހޯދާދެއްވަނީ ޖެނެރަލް ބަޖުވާއެވެ. ބަލަކޮޓް ހަމަލާގައި ވައްޓާލި އިންޑިއާގެ އަސްކަރީ މަތިންދާބޯޓުގެ ކޮމާންޑަރު ހައްޔަރުކުރުމަށްފަހު ދޫކޮށްލެއްވުމަށް އިމްރާން ހާން ނިންމެވި ނިންމެވުމަށް ތާއީދުކުރެއްވި މީހަކީވެސް ޖެނެރަލް ބަޖުވާކަމަށް ބުނެވެއެވެ.

އަސްކަރިއްޔާގެ ޗީފް، ޖެނެރަލް ޤަމަރު ޖާވިދު ބަޖުވާ (ކ) ކާރުކޮޅުން ފައިބާވަޑައިގަންނަވަނީ/ފޮޓޯ: ރޮއިޓާޒް

އަސްކަރީ ނަޒަރަކުން ބަލާއިރު ޖެނެރަލް ބަޖުވާއަކީ ޕާކިސްތާނު ފައުޖުތަކުގެ ތާއީދުވެސް އޮތް ލީޑަރެކެވެ. ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފު ޖަލަށް ލެއްވުމުގައި އިސްކޮށް ހުންނެވުމުގެ އިތުރަށް ކުރީގެ ރައީސް އާސިފު އަލީ ޒަރުދާރީ އާއި ދެކޮޅަށް ޖެނެރަލް ބަޖުވާ ގެންގުޅުއްވާ ސިޔާސަތުތަކާއެކު އަސްކަރިއްޔާގެ އެންމެ ދަށް ރޭންކުން ފެށިގެން ކުލަބަރިއެރި މޭޖަރުންގެ މެދުގައިވެސް އޭނާ މަގުބޫލެވެ.

ޗައިނާއާއި ވީ ކޮޅުން ބަލާއިރު، އިންޑިއާއާއިއެކު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ޗައިނާއިންވަނީ ޕާކިސްތާނަށް ބާރުއަޅާފައެވެ. ބައިނަލްއަގުވާމީ ޑިޕްލޮމަސީގައި އިންޑިއާއާއި ޗައިނާއަކީ ވާދަވެރިން ކަމުގައި ވީ ނަމަވެސް، ޗައިނާގެ މިހާރުގެ ރައީސް ޝީ ޖީންޕިންގް ވަނީ، އާދަޔާ ހިލާފު ރާސްތާއެއް ހިޔާރުކުރައްވާފައެވެ. އިންޑިއާއާއި ޗައިނާގެ ގުޅުން "ރިސެޓް" ކުރެއްވުމުގެ ފިކުރެއްގައި ޝީ ހުންނެވިއިރު، ޕާކިސްތާނާ އިންޑިއާ އެއްގަލަކަށް އެރުން ޝީއަށް މާ މުހިންމުވާ ފަދައެވެ. ޝީއާއި މޯދީގެ ގުޅުންވެސް އިންތިހާއަށް ބަދައްސެވެ. މިކަމުގެ އެއް ހެއްކަކީ 2001 ވަނަ އަހަރު އިންޑިއާއާއި ޗައިނާއާއި ދެމެދު ކުރެވުނު ވިޔަފާރީގެ އަގު 3 ބިލިއަން ޑޮލަރުގައި އޮތް އޮތުން، މިދިޔަ އަހަރު 90 ބިލިއަން ޑޮލަރަށް އިތުރުކުރެވިގެންދިޔަ ދިއުމެވެ.

އިސްވެ ކުރެހުނު ޗާޓަށް ބަލާއިރު ޖެނެރަލް ބަޖުވާއާއި އިމްރާން ހާން އަދި ޝީ އަށްވެސް މި ހުންނެވުނީ އެއް ގަލެއްގައެވެ. ދެން އޮތީ މޯދީވެސް ހަމަ އެގަލަށް އެރުއްވުންތާއެވެ. ސިޔާސީ މުރާސިލުން އިއްތިފާގުވާ ގޮތުގައި، މިވަގުތު މޯދީއަށް އިންޑިއާގައި އިތުރު މެޑަލްތަކެއް ހޯދެން އޮތީ ޕާކިސްތާނާ ސުލްހަ ގާއިމުކުރުމަށް، ސަލާމަށް އިސްވެ އަތްޕުޅު ދިއްކޮށްލަވައިގެންނެވެ.