ދެ ނަމާދު ދޭތެރޭގައި މަޖިލީހުގެ ޖަލްސާއެއް ބާވަން ނިންމެވުމަކީ ރާއްޖެ ސެކިއުލާ ތަނަކަށް ހެދުމަށް އެޅުނު ފުރަތަމަ ފިޔަވަޅުކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ތޯރިގު މިހެން ވިދާޅުވަނީ، ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މަޖިލީހުގައި ތަގުރީރު ކުރައްވާނެ ގަޑިއަކީ މަޢްރިބު ނަމާދާއި އިޝާ ނަމާދާ ދޭތެރޭގެ ވަގުތުކަމަށް މަޖިލީހުން ފާސްކުރުމާއި ގުޅިގެން ކުރެއްވި އެފްބީ ޕޯސްޓެއްގައެވެ.

ތޯރިގު ވިދާޅުވީ ދީނާއި ސިޔާސަތު ވަކި ކުރާ، ސެކިއުލާ ވިސްނުމަށް ވަކާލާތުކުރާ ފަރާތްތަކުން ރާއްޖެ، ސެކިއުލާ ސްޓޭޓަކަށް ބަދަލު ކުރުމުގެ ފުރަތަމަ ފިޔަވަޅަކީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މަޢްރިބު ނަމާދާއި އިޝާ ނަމާދާއި ދޭތެރެއަށް ހަމަޖެއްސުުން ކަމަށެވެ.

"ތުރުކީގެ ކުރީގެ ރައީސް މުސްތަފާ ކެމަލް އަތާތުރުކު ގެނައި ފަދަ ބަދަލުތަކެއް ދިވެހި ރާއްޖެއަށް ގެންނަތަން ބަލަން ތިބެންވީތޯއެވެ؟"
ތޯރިގު ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުުުރުން އިންޑިއާގެ މުސްލިމުންނަށް ދެމުންދާ ލާ އިންސާނީ އަމަލުތަކާ ދެކޮޅަށް އިހިތިޖާޖު ކުރުމުގެ ގޮތުން މޯދީ، ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރައްވާއިރު ތަޅުމުގައި މަޑު ނުކުރައްވާނެކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ތޯރިގު ވިދާޅުވީ މޯދީ މަޖިލީހުގައި ތަގުރީރުކުރައްވަން ފެންނަ ކަމަށް މަޖިލީހުގައި ނެގި ވޯޓުގައި އޭނާ ބައިވެރިވެވަޑައި ނުގަންނަވާ ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު މަޖިލީހުގައި މޯދީ ތަގުރީރު ކުރެއްވުމުގެ ކުރިން ޖަލްސާ ދޫކުރައްވާ ވަޑައިގަންނަވާނެ ކަމަށެވެ.

"އިންޑިއާގެ މުސްލިމުންނާއި ދޭތެރޭގައި ހިންގާ ލާ އިންސާނީ އަމަލުތަކާ، ދުއްތުރާތަކަށް އިހުތިޖާޖު ކުރުމުގެ ގޮތުން، ޕީއެމް ނަރެންދުރަ މޯދީގެ ސުޕީޗް ދިނުމުގެ ކުރިން ޖަލްސާ ދޫކޮށް ނުކުންނަވާނެ ވާހަކަ ދާއިރާގެ ރައްޔިތުންނަށް ދަންނަވަމެވެ."
ތޯރިގުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރައްވަން މަޖިލީހުގެ ގިނަ މެންބަރުން ވަނީ ތާއިދުކުރައްވާފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެދުމުގެ މަތިން، މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމާއި ގުޅޭގޮތުން މެންބަރުންނާއި މަޝްވަރާ ކުރެއްވުމަށް ފަހު، ގޮތް ނިންމީ 80 މެންބަރުންގެ ވޯޓާއި އެކުގައެވެ.