ޑްރަގް މައްސަލައިގައި ކޯޓުން އަމަލު ކުރީ މީގެ ކުރިން އަމަލު ކުރާ ގޮތަށް ނޫން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސަސް އިން ބުނެފިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ހުޅުމާލެ އިން 3 ކިލޯގެ މަސްތުވާތަކެއްޗާއި އެއްކޮށް ހައްޔަރު ކުރި ދެ މީހުންގެ ހައްޔަރު ކޮށް، ކޯޓުން ދޫކޮށްލުމަށް ފަހު، އަނެއްކާ ހައްޔަރު ކުރުމުން ވެސް ކޯޓުން ވަނީ އެމީހުން ދޫކޮށްލާފައެވެ. ފުލުހުން ބުނީ، މި މައްސަލައިގައި ފުރަތަމަ ފަހަރަށް އެމީހުން ދޫކޮށްލީ، އެމީހުން ހައްޔަރު ކުރުމަށް ކޯޓުން ނެރުނު އަމުރުގައި ގާޒީގެ ނަން ނެތުމުގެ ސަބަބުން އިޖުރާއީ މައްސަލައެއްގެ ގޮތުގައި ނިންމުމަށް ފަހުގައެވެ.

ދެވަނަ ފަހަރު އެމީހުން ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން ދޫކޮށްލީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގެ 8 ވަނަ ނަންބަރުގައި ބުނާ ޝަރުތުތައް ކަމުގައިވާ، މައްސަލަ ބަލާ ފަރާތް ކޯޓަށް ހާޒިރު ވުމާއި، އޭނާއަށް ހާޒިރު ނުވެވޭ ހާލަތެއްގައި ނަމަ، އެ އިދާރާއެއްގެ ރަސްމީ ލިޔުމެއް ގެނައުމަށް ބުނެފައި އޮތް އޮތުން ފުލުހުން ފުރިހަމަ ކޮށްފައި ނެތުމުން ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެއެވެ. ޑީޖޭއޭ އިން ބުނީ މި މައްސަލައިގައި ފުލުހުން އަމަލު ކުރަމުންދާ ގޮތާއި މެދު ސުވާލު އުފެދޭ ކަންކަން ހުރި ކަމަށެވެ.

ޑީޖޭއޭ އިން މިހެން ބުނުމާއި ގުޅިގެން ފުލުހުން ބުނީ، މި މައްސަލައިގައި ޝާމިލްވާ، ދެ ފުލުހުންނަކީ ވެސް ކޯޓުގެ މަރުހަލާތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ އޮންނަ ދެފަރާތް ކަމަށެވެ. ފުލުހުން ބުނީ، ރޭ ދަންވަރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި ދެމީހުން ފޯމްގައި ސޮއި ކޮށްފައިވަނީ އެވަގުތު ޑިއުޓީގައި ހުރި ފުލުސް މީހާ ކަމަށެވެ. ޑިއުޓީ ގައި އެވަގުތު ހުންނަ މީހާ މައްސަލައާ ހަވާލުވީ ނަމަވެސް، މައްސަލަ ތަހުގީގު ކުރާ ފަރާތް ކަމަށް މީހަކު ކަނޑައެޅެނީ ފުރަތަމަ 24 ގަޑި އިރު ތެރޭ ކޯޓަށް ދިއުމަށް ފަހުގައި ކަމަށް ފުލުހުން ބުނެއެވެ. އަދި މިއަދު ކޯޓަށް ދިޔައީ އެ ގޮތުގެ މަތިން މައްސަލަ ތަހުގީގު ކުރާ ފަރާތް ކަމުގައި ކަޑައެޅުނު ފަރާތް ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މިވޭތުވެދިޔަ ދުވަސްތަކުގައި ވެސް މަސްތުވާތަކެތީގެ މައްސަލަ ތަކުގައި އަމަލުކޮށްފައިވާ ގޮތަކީ އެއީ ކަމަށެވެ. ނަމަވެސް، މިއީ މީގެ ކުރިން ދުވަހަކުވެސް އިޖުރާއީ މައްސަލައެއް ޖެހުނު ކަމެއް ނޫން ކަމަށް ފުލުހުން ބުނެއެވެ. އަދި މިއީ މީގެ ކުރިން އިޖުރާއީ މައްސަލައެއް ކަމަށް އެއްވެސް މައްސަލަ އެއްގައި ކޯޓުން ފާހަގަ ކޮށްފައި ނުވާކަމަށް ވެސް ފުލުހުން ބުނެއެވެ.

މިމައްސަލައިގައި ޑީޖޭއޭ އިން ބުނީ ކޯޓުތަކުން އަބަދުވެސް އިޖުރާއާތްތައް ފުރިހަމަ ވޭތޯ ބަލާނެ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ 25 އަހަރުގެ ފިރިހެނަކާއި 52 އަހަރުގެ އަންހެނެކެވެ.