ނިޒާމް ބަދަލުކުރުމުގެ ނަމުގައި އުޅެނީ މުޅި ގައުމު ސިޔާސީ ހަލަބޮލިކަމަށް ވައްޓާލަން ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް ވިދާޅުވީ، ނިޒާމް ބަދަލުކުރުމުގެ ނަމުގައި އަނެއްކާ މުޅި ގައުމު ސިޔާސީ ހަލަބޮލިކަމަށް ވައްޓާލުމަށް ކުރާ މަސައްކަތަކަށް އޭނާގެ ތާއީދު ނުލިބޭނެ ކަމަށެވެ. އަދި ނިޒާމް ބަދަލުކުރުމަށް ވުރެން ކުރަންޖެހޭ މާ މުހިންމު ގައުމީ މަސައްކަތް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
އުޝާމް މިހެން ވިދާޅުވީ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް އީދު ބަންދަށްފަހު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވުމާއި ގުޅިގެންނެވެ.
ޖާބިރު ވިދާޅުވީ ވެރިކަމުގެ ނިޒާމާ މެދު ގޮތެއް ނިންމަން ޖެހެނީ ވަކި ލީޑަރަކަށް، އަދި މީހަކަށްޓަކައި ނޫން ކަމަށައި އެ ނިންމުން އަންނަން ޖެހެނީ ރާއްޖެއަށާއި، ދިވެހިންގެ ތަރައްގީ އާއި ރާއްޖެއިން ގެއްލިފައިވާ އިޖުތިމާއީ އަދާލަތަށްޓަކައި ކަމަށެވެ. މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ރާއްޖެ ހަމަޔަކަށް އެޅޭނީ ބަރުލަމާނީ ނިޒާމަކަށް ގޮސްގެން ކަމަށެވެ. އަދި ރިޔާސީ ނިޒާމަކީ ހަރަދު ބޮޑު އަދި ފެއިލްވެފައިވާ ނިޒާމެއް ކަމަށާއި ބަރުލަމާނީ ނިޒާމަކަށް ދިޔުމަކީ މިއަދު ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމު ކަމަށާއި އެއީ އެމްޑީޕީގެ ފަލްސަފާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ނިޒާމު ބަދަލު ކުރަން ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.