މާލޭގެ މަގުތަކުގައި ކުނި ބުނި ގިނަވަމުން ދާތީ އެކަމުގެ އުނދަގޫތަކާ ގުޅޭ ގޮތުން އާންމުން ޝަކުވާ ކުރަމުން ދެއެވެ. މިފަދަ ޝަކުވާއެއް ކުރި އާންމުންގެ މީހަކު ކުރި ޓްވީޓުގައި ބުނެފައި ވަނީ، އަވަށު ސަރުދާރުންގެ ހިދުމަތްތައް ކުރިން ދެމުން އައިގޮތް ރަނގަޅު ކަަމަށާއި އެމީހުން އަލުން އުފައްދަން ފެންނަ ކަމަށެވެ. މަގުމަތީގައި ބަހައްޓާފައި ހުންނަ ކުނިތަކާއި މަސައްކަތް ކުރާ ތަންތަނަށް ޖަމާކޮށްފައި ހުންނަ ތަކެތި، އެމީހުންނަށް ދެވިފައިވާ މުއްދަތު ހަމަވެ އެތައް ދުވަހެއް ވާ އިރުވެސް ނުނަގާ ހުންނަކަން ފާހަގަކޮށް، އެ ކަންކަން ފުލުހުންނަށް ނުވާ ކަމަށް ވެސް އެމީހާ ފާހަގަކޮށްފައި ވެއެވެ. އެެހެންކަމުން މިކަންކަން ހައްލު ކުރަން ބޭނުންވަނީ އަވަށު ސަރުދާރުން ކަމަށް ބުނެފައި ވެއެވެ.

މި ވާހަކަތަކަށް ޖަވާބު ދެއްވަމުން ޝިފާ ވިދާޅުވީ އަވަށު ސަރުދާރުން އުފެއްދުމަށް ނިންމާފައި ވާކަމަށާއި އެކަން ވާނީ އައު ބަޖެޓުގައި ހިމެނުމަށް ކަނޑައަޅާފައި ކަމަށެވެ.

އަވަށު ސަރުދާރުން މާލޭގެ މަގުތައް ބެލެހެއްޓި ދުވަސްވަރު މަގުތަކަށް ކުނިއަޅާ މީހުން ފާހަގަކޮށް އެކަންކަން ހުއްޓުވިއެވެ. މަގުމަތީގައި ކުނި ބަހައްޓާ ގެތަކަށް ވަދެ އެގެއްގެ މީހުން ޒިންމާދާރު ކުރުވިއެވެ. ނަމަވެސް މިކަންކަން ބެލެހެއްޓުމަށް ސަރުކާރުން ގެނައި ބަދަލާއެކު ހުރިހާ ކަމެއްހެން ވަނީ ބޮއްސުން ލައިގެން ގޮސްފައިކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

ތޮއްޖެހިފައި ވާ މާލޭގައި ކުނި މެނޭޖު ކުރުމުގެ މައްސަލަ އަކީ ބޮޑު މައްސަލައަކަށް ވެފައި ވާއިރު އުސް އިމާރާތް ތަކުން ވާޖަހައިގެން ކުނި ބާލަން މަސައްކަތް ކުރުމުގެ ތެރޭގައި ކުނި ކޮތަޅު ފަޅައިގެން ގޮސް މީހުންގެ ބޮލަށް ވެއްޓުމާއި، މަގުތަކުގެ ކަންކަން މަތި، ޕޭމަންޓުމަތި، ފަދަ އެތަން މިތަނަށް ކުނި އަޅާކަން ފާހަގަ ކުރެވެއެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކަށް ކުނި އަޅާ ގިނަ އަދަދެއްގެ ބަޔަކު ފާހަގަ ކުރެވިފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މާލޭގެ ގޭބިސީތަކުގައި އުފެދޭ ކުނި ނެގުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯއިން) ދަނީ ކުރަމުންނެވެ. މިގޮތަށް އުކާލަންޖެހޭ ބޮޑެތި ކުންޏަށް އުޖޫރައެއް ވެމްކޯއިން ނަގައެވެ. ނަމަވެސް އާންމުންގެ އެއްބާރުލުން މިފަދަ ކަންކަމަށް ދިނުން ކުޑަވެ މަގުމައްޗަށް ކުނި އެޅުމަކީ މާލޭގައި އާންމުކޮށް ފެންނަ މަންޒަރެކެވެ.

މާލޭގެ މަގުތަކަށް ކުނި އެޅުން ހުއްޓުވަން އެންވަޔަރަމެންޓް ޕޮލިސް ވެސް ހަރަކާތްތެރިވެއެވެ. މީގެ އިތުރުން މަގުމައްޗަށް ކުނި އަޅާ މީހުންގެ ނަން ހާމަ ކުރަމުން ދާއިރު ބައެއް މީހުން ޖޫރިމަނާ ކޮށްފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ. އެންވަޔަރަމަންޓް ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހުގެ 25 އިން 31 އަށް 73 ފަރާތަކުން މަގުމައްޗަށް ކުނިއަޅާފައިވާ ކަމަށާއި އޭގެތެރެއިން 5 ފަރާތެއް ޖޫރިމަނާ ކޮށްފައި ވާ ކަމަށެވެ. ފަހަކަށް އައިސް ކަންކަން މަތީގައި ކުނި ޖަމާކޮށްފައި ހުންނަ މައްސަލަ ބޮޑުވެ އެކަމުގެ ޝަކުވާތައް އިތުރުވެފައި ވެއެވެ.