ރާއްޖެއަށް ކުރަމުން ދާ މޫސޫމީ ވިއްސާރައިގެ ތެރެއިން އަދ. ދިގުރަށަށް ރޭއްސުރެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ރަށުގެ ބައެއް ސަރަހައްދުން ކަރަންޓު ކެނޑިއްޖެއެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު 6:00 ހާއިރުން ފެށިގެން އެ ރަށުގެ ބައެއް ސަރަހައްދު ތަކުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާ ކަމަށާއި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ގެތަކަށް ފެން ވަންނަމުން ދާ ކަމަށެވެ. އަދި ރަށުގެ ފަޅު ތެރޭގައި އޮތް ކުޑަ ލޯންޗެއް އަޑިއަށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

އދ. ދިގުރަށުގެ ފަޅުތެރޭގައި އޮތް ކުޑަ ލޯންޗެއް ވާރޭ ވެހުމުގެ ސަބަބުން އަޑިއަށް ގޮސްފައި / ފޮޓޯ: ޕޮލިސް

ފުލުހުންނާއި އެރަށު ކައުންސިލުން ދަނީ މި ވިއްސާރައިގެ ސަބަބުން ގެއްލުން ލިބިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދެމުން ކަމަށް ފުލުހުން ބުނެއެވެ.

މެޓް އޮފީހުން މިއަދު ބުނެފައިވަނީ ކ. އަތޮޅާއި ތ އަތޮޅާއި ދެމެދު ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހެނެކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ބުނެފައި ވެއެވެ.

އީދާ ދިމާކޮށް ރާއްޖެއަށް ކުރަމުން ދާ ވިއްސާރައިގެ ސަބަބުން ކަނޑުގައި ދުއްވާ އުނޅަނދުފަހަރުވެސް ސަމާލުވުމަށް ވަނީ މޫސުމާ ބެހޭ އިދާރާއިން ގޮވާލާފައެވެ. އެ ގޮތުން އިއްޔެ ހަވީރުގެ ވަގުތެއްގައި މާލެ އިން ފުރައިގެން އައްޑޫސިޓީ އަށް ދަތުރު ކުރި 33 ފޫޓުގެ "އުފުރިޔާ" ނަމަކަށް ކިޔާ ދޯނި ހާލުގައި ޖެހިފައި ވަނިކޮށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ ހޯދާފައެވެ.