މާލޭގެ މައްޗަން ގޯޅީގައި ހުންނަ ގެއަކުން އީދު ނަމާދަށް ދިޔަ ވަގުތު އެގެއިން ވައްކަން ކޮށްފިއެވެ.

ފުލުހުން ބުނީ މައްޗަން ގޯޅީގައި ހުންނަ ގެއަކުން ވައްކަން ކޮށްފައިވަނީ އެގޭގެ ދޮރު ހަލާކުކޮށްލައިގެން ކަމަށެވެ. އަދި މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 8:33 ހާއިރު ކަމަށެވެ. ފުލުހުން ބުނީ އެގެއިން 60،000 އަށް ވުރެ ގިނަ ރުފިޔާއާއި އެކު ފޯނެއް ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ވައްކަން ކުރި ވަގުތު އެގޭގައި އެއްވެސް މީހަކު ނޫޅޭ ކަމަށާއި އެ ގެއަކީ ބިދޭސީން ދިރިއުޅެމުންދާ ގެއެއް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާއިރު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.

ކޮންމެ އަހަރަކު ވެސް މިހެން އަންނަ ޗުއްޓީތަކުގައި ވައްކަމުގެ މައްސަލަ އިތުރުވެއެވެ. އަދި މިކަންކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ. ޗުއްޓީއަށް ދިޔުމުގެ ކުރިން ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް އިސްކަންދިނުމާއި، ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިންމުކަމެކެވެ.