މާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތެއްގައި މިއަދު ފިތުރު އީދު ނަމާދު ކޮށްފިއެވެ.

ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވާ އީދު ނަމާދު، މާފަންނު ސްޓޭޑިއަމްގައި ނޯންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނެފައިވަނީ މާލެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުންނެވެ.

ބޮޑު ޖަމާއަތުގައި މާލޭގައި އީދު ނަމާދު ކުރުމަށް ހަމަޖައްސާފައި އޮތީ މާފަންނު ސްޓޭޑިއަމްއެވެ. އަދި ވިލިމާލޭގައި ފުޓްބޯޅަ ދަނޑުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ހަމަޖެއްސި އިރު، ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އިދު ނަމާދު ކުރުމަށް ހަމަޖައްސާފައި ވަނީ ސެންޓްރަލް ޕާކުގައެވެ.

އެންމެ ފަހުން މާލޭގައި ބޮޑު ޖަމާއަތެއްގައި އީޑު ނަމާދުކޮށްފައި ވަނީ މިދިޔަ އަހަރުގެ އަޟްހާ އީދު ނަމާދެވެ. އެއީ މާލޭ ދެކުނު ފަރާތު މާފަންނު ސްޓޭޑިއަމާއި ޖުމްހޫރީ މައިދާން ހިމެނޭ ގޮތަށް އިސްލާމީ މަރުކަޒުގައެވެ. ހުޅުމާލޭ ސެންޓްރަލްޕާކު އަދި ވިލިމާލޭ ބޯޅަ ދަނޑުގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު މިދިޔަ އަޟްހާ އީދުގައި ވަނީ ކޮށްފައެވެ.