ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނާ ދެމެދު އޮންނަ ގުޅުން އާ ކުރުމަށް ހުތުބާގައި ގޮވާލައިފި
އީދު ދުވަހު އަރައިގެން އަންނަ އިރާއެކު ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނާ ދެމެދު އޮންނަ ގުޅުންތައް އާކުރުމަށް މިއަދުގެ އީދު ހުތުބާގައި ގޮވާލައިފިއެވެ.
ފިތުުރު އީދު ދުވަހުގެ ހުތުބާގައި ބުނެފައިވަނީ އީދު ދުވަހު އަރަމުން އަންނަ އިރާއެކު ތިބާގެ ތުންފަތުން ހިނިތުންވެލުމުގެ އިރު ފާޅުކުރުމަށެވެ. އަދި ލޯތްބާ ކުލުނާއި އަހުވަންތަކަމުގެ ޝުއޫރުތައް ފާޅުކުރުމާއި، ގާތްތިމާގެ އެންމެންގެ މެދުގައި ރަހިމުގެ ގުޅުން އާކުރުމަށް ވަނީ ގޮވާލާފައެެވެ. މީގެ އިތުރުން ރަހުމަތްތެރިންގެ މެދުގައި އެކުވެރިކަން ބަދަހީ ކުރުމަށް ވެސް މިއަދުގެ ހުތުބާގައި ވަނީ ގޮވާލާފައެވެ.
ފިތުރު އީދު ދުވަހަކީ މާތް ﷲ ފަރުޟު ކުރެއްވި ރޯދަމަހުގެ ރޯދައާއި ގުޅިގެން އަންނަ އީދު ދުވަސްކަމާއި، އެއީ ރޯދައިގެ އަޅުކަން އަދާކުރެވުނީތީ އެކަމަށް ޝުކުރުކޮށް ފިތުރު ޒަކާތް ނެރޭ ދުވަސް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ބުނެފައިވަނީ އިސްލާމީ އީދުތައް ފެށެނީ އިޖުތިމާއީ ބޮޑު ބައްދަލުވުމަކުން ކަމަށާއި، މިއީ މާތް ﷲ އަށް ޝުކުރު ދެންނެވުމަށްޓަކައި ބޭއްވޭ އީދު ނަމާދުގެ ބައްދަލުވުން ކަމަށެވެ. އަދި މިއަދު އެއްބަޔަކު އަނެއްބަޔަކާއި ބައްދަލުވެ، ސަލާމްކޮށް އިދުގެ ތަހުނިޔާ ބަދަލުކުރުމުގެ ފުރުސަތު ތަނަވަސް ވެގެންދާނެ ކަމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ކޮންމެ މީހަކު ވެސް އެ މީހެއްގެ ހިތުގައިވާ އިސްލާމީ އުހުވަތްތެރިކަމާއި ގާތްތިމާގެކަމުގެ ޝުއޫރުތައް ފާޅުކުރާނެކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން އިސްލާމީ އީދުތަކަކީ އެކަމުގައި އެންމެން ބައިވެރި ކުރުވަންޖެހޭ އިހުތިފާލު ތަކެއް ކަމަށާއި، އެ ދުވަސްތަކުގައި އުފާފާޅުކުރަންވީ ހަމައެކަނި ތަނަވަސްކަން ލިބިގެންވާ މީހުން ނޫންކަމަށް ހުތުބާގައިވެއެވެ.
އިސްލާމް ދީނުގައި އީދުތައް ޝަރުއު ކުރައްވާފައިވަނީ ހަމައެކަނި އުފާފާޅުކޮށް މަޖާކުރާކަށް ނޫންކަމަށް ހުތުބާގައިވެއެވެ. އަދި އެކަން ޝަރުއު ކުރައްވާފައިވަނީ އިސްލާމީ މުޖްތަމައުގެ އަފްރާދުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށާއި، އިސްލާމީ އުހުވަތްތެރިކަން ދަމަހައްޓާ، މުސްލިމުންގެ މެދުގައި ހެޔޮ ފޯރުވުމުގެ ރަނގަޅުއާދަ ފެތުރުމަށްކަމަށް ބުނެފައިވެއެވެ.