ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން މިއަދު އައްޔަންކުރައްވައިފިއެވެ.
ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް އެ ކޮމިޝަންގެ މެންބަރުކަމަށް ހިސާން ހުވައި ކުރެއްވީ ރައީސް ސޯލިހްގެ ކުރިފުޅުމަތީގައެވެ. ކޮމިޝަންގެ މެންބަރު ކަމަށް ހުވާ ކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވޮ ރަސްމިއްޔާތުގައި ހިސާނަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ހިސާނާއި ހަވާލުކޮށްދެއްވި ރައީސް ސޯލިހެވެ.
ޖޭއެސްސީގެ މެންބަރުކަމަށް ހިސާން އައްޔަން ކުރުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ނިންމީ މިދިޔަ ބުދަ ދުވަހު ބޭއްވި 19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގައި ދެވަަނަ ޖަލްސާގައި ވޯޓު ލުމަށް ފަހު، 81 މެންބަރުންގެ ވޯޓާއި އެކުގައެވެ. ހިސާންގެ ނަން ޖޭއެސްސީގެ މެންބަރު ކަމަށް ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނެވެ.
ހިސާން އަކީ 2007 އިން ފެށިގެން ގާނޫނީ ދާއިރާގެ ތަޖުރިބާ އަމަލީ ގޮތުން ހޯއްދަވަމުން ގެންދަވާ ފާހަގަކޮށްލެވޭ ވަކީލެކެވެ. އެޓާނީ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އެމްޑީޕީ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ވަނީ ކުރައްވާފައެވެ. ހިސާން ވަނީ ސިޔާސީ ބޭފުޅުންގެ ދިފާއުގައި ވެސް މަސައްކަތް ކުރައްވާފައެވެ. އެގޮތުން ރައީސް ނަޝީދަށް ކުރި ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނުގެ ދިފާއުގައި ނިކުންނެވިއެވެ. އެއަށްފަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާގައި ވަކާލާތު ކުރެއްވިއެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒްގެ މައްސަލައިގައި ވެސް ހިސާން ގާނޫނީ މަސައްކަތް ކުރެއްވިއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކުރުމާއެކު އެމަނިކުފާނުގެ ގާނޫނީ ވަކީލަކަށްވެ ވަޑައިގެން ގާނޫނީ ހުރަސްތަކާ ކުރިމަތިލެއްވިއެވެ.