ފަލަސްޠީނުގެ 3 މިލިއަނެއްހާ މުސްލިމުންނަށް ޙައްޖާއި ޢުމުރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއިން ހުރަސްއަޅަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.
މެދުއިރުމަތީގެ ޚަބަރުތައް ބައިނަލްއަގުވާމީ މީޑިއާއަށް ތިލަކުރަމުންދާ މިޑްލް އީސްޓް އައިއިން ޝާއިއުކުރި ޚަބަރެއްގައި ބުނެފައިވަނީ، އުރުދުން، ލުބްނާނު، އިރުމަތީ ޤުދުސް އަދި އިސްރާއީލުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންގެ ވިސާ ހަމަޖައްސާދިނުމަށް ސައުދީގެ ސަރުކާރުން ދެކޮޅު ހަދަމުންދާކަމަށެވެ.
މިޑްލް އީސްޓް އައިއިން ބުނީ، ޙައްޖާއި ޢުމުރާގެ އަޅުކަން އަދާކުރަން ބޭނުންވެގެން އުރުދުން މަގުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރަން ބޭނުންވި، ފަލަސްޠީނުގެ 1.5 މިލިއަނަށްވުރެ ގިނަ މުސްލިމުންނަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ހުރަސް އެޅިކަން ކަށަވަރުކޮށްދެވިދާނެ ކަމަށެވެ. މިމީހުންނަކީ އުރުދުންގެ ވަގުތީ ޕާސްޕޯޓެއްގައި ސައުދީއަށް ދަތުރުކުރަމަށް މަސައްކަތްކުރި މީހުންކަމަށްވެސް މި ރިޕޯޓްގައި ބުނެފައެވެ.
މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ސައުދީ އަރަބިއްޔާގައި ތަންފީޒުކުރަން ފެށި ސިޔާސަތެއް ސަބަބުން މެދުވެރިވެގެން އުޅޭ ހާލަތެއް ކަމަށް ޚަބަރު ލިބެއެވެ. މި ސިޔާސަތު ބުނާ ގޮތުން، ޓެމްޕަރަރީ ޓްރެވެލް ޑޮކިއުމަންޓްސް ނުވަތަ ވަގުތީ ލިޔެކިއުންތަކުގައި ދަތުރުކުރާ ފަރާތްތަކަށް ވީސާ ދޫކުރެވޭކަށް ނޯވެއެވެ. މިކަމުގެ އަސަރު، ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން 2.94 މިލިއަނެއްހާ މުސްލިމުންނަށް ކުރާނެ ކަމަށާ، މިމީހުންނަކީ ވަގުތީ ލިޔެކިއުން ނޫން އެއްޗެއް ލިބެން ނެތް މީހުން ކަމަށްވެސް މިޑްލް އީސްޓް އައިއިން ބުނެއެވެ.
ސައުދީ އަރަބިއްޔާގެ ނިންމުމާ ބެހޭ "އެތެރޭގެ" މައުލޫމާތު އެނގޭ މަސްދަރަކާ ހަވަލާދީ މިޑްލް އީސްޓް އައިން ބުނީ، މި ނިންމުމަކީ ފަލަސްޠީނުގެ އައިޑެންޓިޓީ ފޮހެލުމަށާ، ރެފިއުޖީން އެނބުރިދިއުމަށް އޮތް ފުރުސަތު ނަގާލުމަށް އިސްރާއީލުން ގެންގުޅޭ ސިޔާސަތަށް ސައުދީ އަރަބިއްޔާއިންވެސް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.
ސައުދީ އަރަބިއްޔާވެސް ހިމެނޭ ގޮތަށް، މެދުއިރުމަތީގެ ގިނަ ގައުމުތަކަކީ ދަތުރުފަތުރުކުރުމުގައި އިސްރާއީލުގެ ޕާސްޕޯޓް ބަލައިގަންނަ ގައުމުތަކެއް ނޫނެވެ. އެހެންކަމުން އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންނަށް ޙައްޖާއި އުމުރާގެ އަޅުކަން އަދާކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ވަގުތީ ޕާސްޕޯޓެއް އުރުދުންއިން ދޫކުރަމުންދާތާ މިހާރުވަނީ އަހަރުތަކެއް ވެފައެވެ.