ޝަރުއީ ދާއިރާ އިސްލާހު ކުރަން ސަރުކާރުން ގެނައި އެފްރީކާގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލާ ޝަރުއީ ދާއިރާ އަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

ސްޕްރީމް ކޯޓުން ނެރުނު ދިގު ނޫސް ބަޔާނުގައި ބުނީ ޝަރުއީ ދާއިރާއަށް ދިމާވެފައި ހުރި ގޮންޖެހުންތަކުގެ ވާހަކަ ވަރަށް ތަފްސީލު ކޮށް ޔޮހާން އަށް ކިޔައި ދިނީމާވެސް އޭނާ ޝަރުއީދާއިރާއަށް ބިރު ދައްކާފައި ވާކަމަށެވެ.

"ޝަރުޢީ ދާއިރާގެ ޙާލަތު ހުރި ގޮތާއި، ޝަރުޢީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ޙައްލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަގައިގެން، ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތަފްޞީލު ޙިއްޞާކުރެވުނެވެ. މިގޮތުން ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް ފަނޑިޔާރުގެ އިޞްލާޙުކުރުމާ ބެހޭގޮތުން ތައްޔާރު ކުރެވެމުންދާ އެކްޝަން ޕްލޭނުގެ މައުލޫމާތުވެސް ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރއާ ޙިއްޞާކުރެވުނެވެ. އަދި ސިޔާސީ ނުފޫޒާއި، ބިރުދެއްކުންތަކާއި، ފަނޑިޔާރުގޭގެ ޙުރުމަތަށް އަރައިގަނެ ފަނޑިޔާރުންގެ އަގު ވައްޓައިލައި ބަދުނާމު ކުރުމުގެ މަޤްޞަދުގައި ކުރެވޭ ކަންކަމުގެ ސަބަބުން ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ފަނޑިޔާރުގޭގެ މިނިވަންކަމަށް ކުރިމަތި ވެފައިވާ ނުރައްކާތަކާ ބެހޭގޮތުން ވެސް އޭނާޔަށް މަޢުލޫމާތު އެރުވުނެވެ.

ނަމަވެސް، އިޚްލާޞްތެރި ހެޔޮ ނިޔަތެއްގައި މި ކަންކަން ޙިއްޞާ ކުރުމުން، މިއިން އެއްވެސް ކަމަކާ މެދު މަޝްވަރާ ކުރެއްވުމުގެ ބަދަލުގައި، ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަޤާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމަށާއި، ހުތުރުކޮށް އަދި އިހާނެތިގޮތެއްގައި ފަނޑިޔާރުން ބޭރު ކުރުމުގެ ކުރިން މަޤާމު ދޫކޮށްލުން ފަދަ ގޮތެއް އިޚްތިޔާރު ކުރުން ރަނގަޅުވާނެ ކަމަށާއި، ޤާނޫނުއަސާސީ ބަދަލު ކޮށްގެން ވިޔަސް ފަނޑިޔާރުގެ އަލުން އެކުލަވައިލާނެ ކަމަށާއި، ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދުގައި މިހާރު އޮތީ ކުރިމަތިލުމެއް ކަމަށާއި އެ ކުރިމަތިލުމުން ފަނޑިޔާރުގެއަށް ލިބޭނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އަދި އޭނާ ތައްޔާރުކުރައްވައި ހުށަހަޅުއްވާ ރިޕޯޓުގައި ރާއްޖޭގެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް އޭނާ ރެކޮމެންޑްކުރައްވާނެކަމަށްވެސް ވިދާޅުވެ، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން އެއް ބާރުކަމުގައިވާ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރަށް ވަރަށް ޞަރީޙަ އިބާރާތުން ވަނީ ބިރު ދައްކަވައި އިންޒާރު ދެއްވާފައެވެ." ސްޕްރީމް ކޯޓުގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

ސްޕްރީމް ކޯޓުން ނޫސްބަޔާން ނެރެފައި މިވާ ދަނޑިވަޅަކީ، އެކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސްލޫކީ މައްސަލަތަކެއް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީ އަށް ހުށަހެޅުއްވި ވަގުތެވެ.