ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރި ވެފައިވާ ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ދައުވާ މާދަމާ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ވަނީ އެ މައްސަލާގައި ކުރިމިނަލް ކޯޓުން އަދީބުގެ މައްޗަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ބާތިލް ކުރުމަށް ހުކުމް ކޮށްފައެވެ. އަދި، މައްސަލަ އަލުން ބެލުމަށް ކުރިމިނަލް ކޯޓުގެ މައްޗަށް ހައިކޯޓުން އަމުރު ކޮށްފައި ވެއެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން، ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ، އަދީބުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހައިކޯޓުން އިއްވި ހުކުމް ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދީބުގެ މައްސަލަތައް އަލުން ބެލުމަށް ކުރިމިނަލް ކޯޓުގެ މައްޗަށް ހައިކޯޓުން އަމުރު ކޮށްފައި ވާއިރު، ކްރިމިނަލް ކޯޓުން ވަނީ، މައްސަލައިގެ ތެރެއަށް ފަނޑިޔާރުންގެ ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ، މައްސަލަ އަލުން ބެލުމަށް ޕީޖީ އޮފީހަށް ފޮނުވާފައެވެ.

ބިޝާމް ވިދާޅުވީ، އަދީބުގެ 15 މައްސަލަ އަލުން ބެލުމަށް ޕީޖީ އޮފީހަށް މިއަދު ލިބިފައިވާ ކަމަށެވެ. ނަމަވެސް، ހައިކޯޓަކީ މަތީ ކޯޓެއްކަމަށް ވުމާއި އެކު، އެ ކޯޓުން ނިންމާ ނިންމުމަކަށް އަމަލު ނުކުރަން ދަށު ކޯޓަކަށް ނުނިންމޭނެތީ، އަދިވެސް ހައިކޯޓުގެ އަމުރާ އެއްގޮތަށް މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ބިޝާމް ވިދާޅުވިއެވެ.

އަދީބަކީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި، ކޮރްޕްޝަނާ، ޓެރަރިޒަމްގެ ދައުވާ އުފުލި 33 އަހަރުގެ ޖަލު ހުކުމެއް އައިސްފައި ހުރި ބޭފުޅެކެވެ. ނަމަވެސް ކޯޓުން ހުކުމްތައް ބާތިލު ކުރުމާއެކު އަދީބު ވަނީ މިނިވަން ވެފައެވެ. އަދި މިހާރު އަދީބު ހުރީ ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި ތަންފީޒު ކުރަމުންދާ 15 ދުވަހުގެ ގޭބަންދެއްގައެވެ.