އޭޝިއާ ބައްރާ ގުޅުންހުރި ކަންކަމުގައި ޗައިނާގެ އުސްލޫބު ހުންނަ ގޮތާ ގުޅިގެން ދެން އިތުރަށް މަޑުން ނޯންނާނެ ކަމަށް އެމެރިކާގެ ވަގުތީ ދިފާއީ ވަޒީރު ޕެޓްރިކް ޝެނަހާން ވިދާޅުވެއްޖެއެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ފުރަތަމަ ފަހަރަށް ތަގުރީރުކުރައްވަމުން ޝެނަހާން ވަނީ ޗައިނާއާއި އުތުރު ކޮރެޔާގެ "އާދަޔާ ޚިލާފު" އިންޒާރުތަކަށް އެމެރިކާގެ ފަރާތުން ވަރުގަދަ ޖަވާބެއް އަރުވާފައެވެ.

މި ރޫހުގައި ވާހަކަފުޅު ދައްކަވަމުން ޝެނަހާން ވިދާޅުވީ އެމެރިކާއަކީ "އިންޑޯ-ޕެސިފިކް" ސަރަހައްދުގެ ކުރިއެރުމަށް ކޮމިޓްވެފައިވާ ގައުމެއް ކަމަށާ، އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސަލާމަތާ ހަމަޖެހުމަށްޓަކައި އެތައް ބިލިއަން ޑޮލަރެއް އިންވެސްޓްކުރުމަށް އެމެރިކާއިން ތައްޔާރަށް އޮތް ކަމަށެވެ.

ސިންގަޕޫރުގައި ކުރިއަށްދިޔަ "ޝަންގްރިއްލާ ޑައިލޮގް ކޮންފަރެންސް"ގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ވަގުތީ ދިފާއީ ވަޒީރު އިތުރަށް ވިދާޅުވީ، އޭޝިއާ ސަރަހައްދުގައި ޗައިނާއިން ހިންގަމުންދާ ހަރަކާތްތަކުގެ ވަށައިގެން އެހެންބޭފުޅުން "ފުންނާބު ނުޖައްސަވާ" މަޑުމަޑުން ހިންގެވި ނަމަވެސް އެމެރިކާ ދެން މަޑުން ނޯންނާނެކަމަށެވެ.

ކަންމިހެން އޮތްނަމަވެސް ޗައިނާއާއި އަސްކަރީ ގުޅުން ބަދަހި ކުރުމުގެ ފިކުރެއް ގެންގުޅުއްވާކަންވެސް ޝެނަހާން ވަނީ ހާމަކުރައްވާފައެވެ.

އެމެރިކާއާއި ޗައިނާއާއި ދެމެދު ބަދަލުކުރަމުންދާ ވިޔަފާރީގެ "ހަމަލާ"ތަކަށް އިޝާރާތްކުރައްވާ ޝެނަހާން ވިދާޅުވީ، ފިޔަވަޅުތަކަކީ "ހަނގުރާމަ"އެއްކަމުގައި ދެކެވަޑައި ނުގަންނަވާ ކަމަށާ، އެއީ ކުރެވޭ، ވިޔަފާރީގެ މުއާމަލާތްތަކެއް ކަމުގައި ގަބޫލުފުޅު ކުރައްވާކަމަށެވެ.

ޝެނަހާންގެ ވާހަކަފުޅަށް ޗައިނާއިން މިހާރުވަނީ ރައްދު ދީފައެވެ. ޗައިނާއިން ބުނީ ޓައިވާނާ ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމުގެ މައްސަލާގައި އެމެރިކާއިން އަމަލުކުރަމުންދާ ގޮތަކީ ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް އެއްވެސް ގޮތަކުން އެހީތެރިވެދޭ އުސޫލެއްގެ ތެރެއިން ހިންގާ އަމަލުތަކެއް ނޫންކަމަށެވެ.