ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހުރިހާ މައްސަލައެއް ކްރިމިނަލް ކޯޓުން އަނބުރާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރަމުންދާ ހަބަރު ޕީޖީ އޮފީހުން ދޮގުކޮށްފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތުދެމުން، ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ އެއްވެސް މައްސަލައެއް އަނބުރާ ފޮނުވާފައި ނުވާކަމަށާ، ފޮނުވާފައި ވާކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި އޮށްވާ ފެނިވަޑައިގެންނެވި ކަމަށެވެ.

"އެއްވެސް މައްސަލައެއް އަނބުރާ ފޮނުވާފައި ނެތް، ފޮނުވާފައޭ ބުނާ ވާހަކައެއް ބައެއް މީޑިއާތަކުން އަޅުގަނޑުވެސް ދުށިން" ޕީޖީ ބިޝާމް ވިދާޅުވިއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކްރިމިނަލް ކޯޓުން ނުބަލައި ޕީޖީ އޮފީހަށް ފޮނުވަން ނިންމީ ޅ. މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް އަދީބު ހިޔާނާތްތެރިވި މައްސަލަ އާއި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައެވެ.

އަދި މި މައްސަލަތައް އަނބުރާ ޕީޖީއަށް ފޮނުވަން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ކަމަށާއި އެ ހުށަހެޅުއްވުމަށް އެއް ފަނޑިޔާރަކު ދެކޮޅު ހެއްދެވި ނަމަވެސް، މައްސަލަތައް އަނބުރާ ފޮނުވަން ފާސްވީ ދެން ތިބި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައި އޮތް މިމައްސަލަ އަދީބުގެ ގާތް ބައެއް ފަރާތްތަކުންވެސް ވަނީ ދޮގުކޮށްފައެވެ. އެފަރާތްތަކުން ބުނެފައިވަނީ ކޯޓުން މައްސަލައެއް އަނބުރާ ޕީޖީއަށް ފޮނުވިކަން އެނގިފައި ނުވާކަމަށެވެ. އަދި ބައެއް މީޑިއާތަކުގައި ފަތުރަނީ ދޮގު ހަބަރެއް ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

އަދީބަކީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި، ކޮރްޕްޝަނާ، ޓެރަރިޒަމްގެ ދައުވާ އުފުލި 33 އަހަރުގެ ޖަލު ހުކުމެއް އައިސްފައި ހުރި ބޭފުޅެކެވެ. ނަމަވެސް ކޯޓުން ހުކުމްތައް ބާތިލު ކުރުމާއެކު އަދީބު ވަނީ މިނިވަން ވެފައެވެ. އަދި މިހާރު އަދީބު ހުރީ ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި ތަންފީޒު ކުރަމުންދާ 15 ދުވަހުގެ ގޭބަންދެއްގައެވެ.