ރާއްޖެއާއި ލަންކާއާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ މެންބަރުން އަދި ސަރުކާރުގެ ބައެއް އިސްވެރިން މިމަހު 15ގައި ލަންކާއަށް ވަޑައިގަތުމަށް ނިންމައިފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވާގޮތުން، މިމަހު 15 ވަނަ ދުވަހު، ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި އެ ޕާޓީގެ މެންބަރުން، އަދި ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެ ޕާޓީގެ މެންބަރުންނާއި އެކު ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ލަންކާގައި އޮންނަ ހަފްލާއެއްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އެ ޕާޓީން ބުނީ، ލަންކާއަކީ ރާއްޖެ އަށާއި އެމްޑީޕީއަށް ތަފާތު އެކި ގޮތް ގޮތުން އެހީތެރިވެފައިވާ، ރާއްޖެއާ އެންމެ ގާތް ގުޅުމެއް އޮންނަ ގައުމު ކަމަށާއި، އެކަމުގެ އަގު ވަޒަން ކުރަން ޖެހޭ ކަމަށެވެ.

ލަންކާއަކީ ރާއްޖެއަށް ސިއްހީ ރޮނގުންނާއި، ތައުލީމީ ރޮނގުންނާއި، ވިޔަފާރީގެ ރޮނގުން އަދި ތަރައްގީގެ ރޮނގުން ގިނަ ގުނަ އެހީތެރިކަން ފޯރުކޮށްދެމުންދާ ގައުމެއް ކަން އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ. އަދި ލަންކާއަކީ އެމްޑީޕީއަށް އެންމެ ބޮޑަށް ރައްކާތެރިކަން ބޭނުންވި ދުވަހު، އެ ރައްކާތެރިކަން ފޯރު ކޮށްދިން ގައުމު ކަމަށް އެ ޕާޓީން ބުނެފައި ވާއިރު، އެ ޕާޓީގެ ރައީސް، ރައީސް ނަޝީދު އަށާއި ޕާޓީގެ އެހެނިހެން އިސްވެރިންނަށް ލަންކާ ސަރުކާރުން ފޯރުކޮށްދިން ރައްކާތެރިިކަމާއި އެހީތެރިކަން އެޕާޓީން ފާހަގަކޮށްފައި ވެއެވެ.

އެމްޑީޕީން ބުނީ، ލަންކާއަށް މިދިޔަ އޭޕްރިލް މަހު 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން، އެ ގައުމުގެ ސަލާމަތީ ކަންކަން އެގައުމުގެ ކަމާބެހޭ ފަރާތްތަކުން އެންމެ ފުރިހަމަ ގޮތުގައި ބަލަހައްޓާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އަބަދުވެސް، ލަންކާއާ އެކު ތިބޭނެ ކަމަށާއި މިމަހު 15 ވަނަ ދުވަހު ކުރާ މި ދަތުރުން، ލަންކާއަކީ ކުރިން އޮތް ފަދަ، ފަތުރުވެރިކަން ފުޅާ ގައުމަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.