ބިދޭސީ އިދާރާތަކަކަށް ޖާސޫސުކޮށްދިން ކަމުގެ ކުށުގެ ތުހުމަތުގައި ޕާކިސްތާނު އަސްކަރިއްޔާގެ ބުރިގޭޑިއާ ފެންވަރުގެ އޮފިސަރެއްގެ އިތުރުން މަދަނީ އޮފިސަރެއްގެ މައްޗަށް މަރުގެ ހުކުމް އިއްވައިފިއެވެ.

ހަމަ މިމައްސަލާގައި، ޕާކިސްތާނުގެ އަސްކަރީ ޖެނެރަލަކު ޖަލަށް ލުމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.

ޕާކިސްތާނު އަސްކަރިއްޔާއިން ބުނީ އެ މީހުންނަކީ ޕާކިސްތާނާ ގުޅުންހުރި ހައްސާސީ މައުލުމާތު ހޯދަން ޖާސޫސުކޮށް، ބިދޭސީ އިދާރާތަކަށް އެ މައުލޫމާތު ފޯރުކޮށްދީފައިވާ ބައެއް ކަމަށެވެ. ނަމަވެސް އެމީހުން ޖާސޫސުކޮށްދިނީ ކޮން އިދާރާތަކަކަށް ކަން ޕާކިސްތާނުގެ އަސްކަރިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ.

ޕާކިސްތާނު އަސްކަރިއްޔާއިން ބުނީ 3 މީހުންގެ މައްޗަށް އިއްވާފައިވާ ހުކުމްތައް ތަންފީޒުކުރުމަށް، އަސްކަރިއްޔާގެ ޗީފް، ޖެނެރަލް ޤަމަރު ޖާވިދު ބަޖުވާ ރުހުންވެސް ދެއްވާފައިވާކަމަށެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ރިޓާޔަޑް ލެފްޓިނެންޓް ޖެނެރަލް ޖާވިދު އިގުބާލުގެ މައްޗަށެވެ. އޭނާއަކީ އޭނާގެ ވެރިކަމުގެ ދުވަސްވަރު ޕާކިސްތާނު އަސްކަރިއްޔާގެ ދާހިލީ ގުޅުންތަކާ ހާރިޖީ ގުޅުންތަކާ ބެހޭ މުހިންމު ދާއިރާތަކެއް ބެލެހެއްޓި މީހެކެވެ. މިފަދަ އިސް މަގާމެއްގައި ހުރި މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަކީ ޕާކިސްތާނުގައި މަދުން ނޫނީ ނުހިނގާ ކަމެކެވެ. ޕާކިސްތާނުގައި އިއްވާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ މުއްދަތަކީ 14 އަހަރެވެ.

ޖާސޫސު ކުރުމާ ހައްސާސީ މައުލޫމާތު ފޯރުކޮށްދިން ކަމުގެ ކުށުގެ ތުހުމަތުގައި މަރުގެ ހުކުމް އިއްވާފައިވަނީ ރިޓާޔަޑް ބުރިގޭޑިއާ ރާޖާ ރިޒްވާން އާއި ވަސީމް އަކުރަމުގެ މައްޗަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވަސީމް އަކުރަމްއަކީ "ހައްސާސީ" އިދާރާއެއްގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ސިވިލް އޮފިސަރެކެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާ ރޭވިފައިވާ ގޮތުން އަސްކަރިއްޔާއާއި ގުޅުން ހުރި ކަންކަމުގައި ސަރިޔަތް ހިންގާނީ އަސްކަރިއްޔާ ތެރޭގައި ގާއިމުކޮށްފައިވާ ކޯޓެއްގައެވެ. އަދި އިއްވާ ހުކުމްތައް އިސްތިއުނާފު ކުރުމުގެ ފުރުސަތު، ދައުވާ ކުރާ ފަރާތާ، ދައުވާ ލިބޭ ފަރާތަށްވެސް އޮވެއެވެ.