ބަރަކާތްތެރި ރަމަޟާން މަހުގެ އެންމެ ފަހު ދުވަސްތައް ގުނަމުންދާއިރު ކުރިއަށް މިއޮތީ ފިތުރު ޢީދުގެ މުނާސަބާއެވެ. މިއީ ޕާކިސްތާނުގައި މެޓާ ފިހާރަތަކާ ބޭކަރީތައް ހިންގާ އޯނަރުންނަށް ދެ ޢީދު އެކުވާ ދުވަސްވަރެކޭވެސް ބުނެވިދާނެއެވެ. ވިޔަފާރި ހެޔޮފާލަކަށް ނޭޅޭ ހަމަ އެންމެ ފިހާރައެއް ނެތޭވެސް ދެންނެވިދާނެއެވެ.
ފިތުރު ޢީދު ހަދިޔާއެއްގެ ގޮތުގައި އާއިލާ މެމްބަރުންނާ ގާތް ރަހުމަތްތެރިންނަށް ހަދިޔާ ބަދަލުކުރުމުގެ ރީތި އާދަ ޕާކިސްތާނުގައިވެސް އޮވެއެވެ. ފޮނިކާތަކެތީގެ ވިޔަފާރި ކުރިއަރާ ދަނީ މިސަބަބާ ހެދިއެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ލިބުނު މިންވަރަކުން ފޮނިކާތަކެތި ގަނެ ހަދަނީ ޢީދު ހަދިޔާ ބަދަލު ކުރުމަށެވެ.
ކުރިއަށް އޮތް ފިތުރު ޢީދާ ދިމާކޮށް ޕާކިސްތާނުގައި އެންމެ ކުރިއަރާ ދަނީ މެޓަޔާ ސެވޫނަރުގެ އުފެއްދުންތަކުގެ ވިޔަފާރިއެވެ. ކޭކު ވިޔަފާރިވެސް ރަނގަޅުކަމަށް ބުނާއިރު، އަންނައުނު ވިއްކާ ފިހާރަތަކުގެ ވިކުރާވެސް ފެންނަނީ އެހާމެ އުޖާލާ ކޮށެވެ.
ސެވޫނަރު ނުވަތަ ވާމިސިލީ އަކީ ޕާކިސްތާނުގައި ޢީދަށް ހާއްސަ އެއްޗަކަށްވާއިރު، ޢީދަށް ވާމިސިލީ ތައްޔާރުކުރުމުގެ މަސައްކަތް، ރަމަޟާން މަހުގެ ފެށުމާއެކު ވަނީ ފެށިފައެވެ.
"ބެކަރީގެ ވިޔަފާރި %70 ކުރިއަށްޖެހިލައިފި. ފަސްތަރީގެ ހޯޓާތަކަށްވެސް މިދަނީ ކޭޓާ ކުރަމުން. މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކާ ބޭންކުތަކުންވެސް އަހަރަމެން ވަނީ ބުކްކޮށްފައި" ޕާކިސްތާނުގައި ބޭކަރީއެއް ހިންގާ މީހަކު މީޑިއާއަށް ކިޔައިދިނެވެ.
ބޭކަރީ ހިންގާ ފަރާތްތަކުން ބުނާ ގޮތުގައި ފޮނިކާތަކެތި ގަންނަނީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ. ރަހުމަތްތެރިންނާއި އެކުގައި މަސައްކަތް ކުރާ މީހުންގެ ތެރޭގައި ތިބި މުސްލިމުންނަށް ހަދިޔާ ދިނުމުގެ ގޮތުން ޣައިރު މުސްލިމުންވެސް ގިނަ އަދަދަކަށް ފޮނިކާތަކެތި ގަތުމުގެ އާދަ އެ ގައުމުގައި އޮންނަ ކަމަށް ޕާކިސްތާނުގެ ވިޔަފާރިވެރިން ބުނެއެވެ.