އަޅުގަނޑަކީ އަބަދުވެސް ދީނުގެ ކަންތަކަށް ވަރަށްވެސް ބޮޑު ސަމާލުކަމެއްދީގެން އުޅޭ އަންހެނަކީމެވެ. އެހެންނަމަވެސް އަޅުގަނޑަށް ވެސް ކުދިކުދި ކުށްތައް ކުރެވިފައި ވެއެވެ. ނޭނގިވެސް ކުރެވިފައި ހުރެދާނެއެވެ. އެހެންކަމުން އަޅުގަނޑު ތައުބާ ވާން ބޭނުމެވެ. ﷲ ގެ ހަޟްރަތުގައި ދެންނެވުމުގެ އިތުރުން ތައުބާވުމަށްޓަކައި ކުރަން ޖެހެނީ ކޮން ކަމެއްތޯއެވެ؟ ތައުބާވާން ވަކިނަމާދެއް އޮވޭތޯއެވެ؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم, وبعد:
ﷲ ތަޢާލާގެ ރަޙްމަތްފުޅުން މިއުންމަތަށް ތައުބާގެ ދޮރު ވަނީހުޅުވިފައެވެ. އެއީ އިންސާނާ ނޭވާހޮޅިއަށް އެޅިއްޖެއުމަށް ދާންދެން ނުވަތަ ހުޅަނގުފަރާތުން އިރުއަރައްޖެއުމަށް ދާންދެނެވެ. ތައުބާނަމާދަކީ މުސްލިމަކަށް ﷲ ތަޢާލާއަށް އުރެދޭ ކަމެއްކުރެވެމުން ކުރާ ނަމާދެކެވެ. އެއުރެދުމަކީ ކުޑަ ނަވަތަ ބޮޑު އުރެދުމެއްކަމުގައި ވިޔަސްމެއެވެ. މުސްލިމަކަށް ފާފައެއްކުރެވުމުން ވަގުތުން އެފާފައިން ތައުބާ ވެގަތުމަށް އަވަސްވެގަތުން ވާޖިބުވެގެންވެއެވެ. ހަމަކަށަވަރުން ﷲ ތަޢާލާއަކީ ފާފަފުއްސަވާ ރަޙްމާންވަންތަ ރަޙީމްވަންތަ އިލާހެވެ. ނަމާދަކީ އަޅާ ﷲ ތަޢާލާއާ އެންމެ ބޮޑަށް ކުއްތަންވެވޭ އެއްޢަމަލެވެ. އެހެންކަމުން އަޅާ ތައުބާވުމަށް ޤަސްދުކުރާއިރު، ﷲ ތަޢާލާ އޭނަގެ ތައުބާ ޤަބޫލުކުރައްވާ ފާފަފުއްސައްވާނެ، ވަޞީލަތެއްގެ ގޮތުން ދެރަކުޢަތް ނަމާދެއްކުރުމީ އެދެވިގެންވާ ކަމަކެވެ.
ޢިލްމުވެރިންވަނީ ތައުބާ ނަމާދަކީ ޝަރުޢުވެގެންވާ ނަމާދެއްކަމަށް ޢިޖުމާޢުވެފައެވެ. އަދި ތައުބާވުމަށްޓަކައި ނަމާދަކީ މުސްތަޙައްބުވެގެންވާ ކަމެއްކަމުގައި ސުންނަތުގެ ހަތަރު މަޒުހަބުގައި ވަނީ އިއްތިފާޤުވެފައެވެ. މިކަމާއި ބެހޭގޮތުން އައިސްފައި ހުރި ޙަދީޘްތަކުގެ ތެރެއިން ދެޙަދީޘެއް ބަޔާންކޮށްލާނަމެވެ.
- ފުރަތަމަ ޙަދީޘަކީ އަބޫދާވޫދުގެ ޙަދީޘެކެވެ. (ޙަދީޘް ނަމްބަރު:1521). އަލްޙާފިޡު އިބުނު ޙަޖަރު ވަނީ ފަތުޙުލްބާރީގައި މިޙަދީޘް ޙަސަން ދަރަޖައިގެ ޙަދީޘެއްކަމަށް ވިދާޅުވެފައެވެ . އަދި އަލްބާނީ ވަނީ މިޙަދީޘް ޞަޙީޙް އަބޫ ދާވޫދުގައި ޞައްޙަ ކުރައްވާފައެވެ.
عنأبيبَكْرٍالصديقرَضِيَاللَّهُعَنْهُأَنَّهُقَالَ : سَمِعْتُرَسُولَاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَيَقُولُ : ( مَامِنْعَبْدٍيُذْنِبُذَنْبًافَيُحْسِنُالطُّهُورَ ، ثُمَّيَقُومُفَيُصَلِّيرَكْعَتَيْنِ ، ثُمَّيَسْتَغْفِرُاللَّهَإِلَّاغَفَرَاللَّهُلَهُ ، ثُمَّقَرَأَهَذِهِالْآيَةَ : "وَالَّذِينَإِذَافَعَلُوافَاحِشَةًأَوْظَلَمُواأَنْفُسَهُمْذَكَرُوااللَّهَفَاسْتَغْفَرُوالِذُنُوبِهِمْوَمَنْيَغْفِرُالذُّنُوبَإِلَّااللَّهُوَلَمْيُصِرُّواعَلَىمَافَعَلُواوَهُمْيَعْلَمُونَ").
މާނައީ: ﷲ ތަޢާލާ ރުއްސުންލެއްވި އަބޫބަކުރު އައްޞިއްދީޤުގެ ފަރާތުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅުކުރައްވަނިކޮށް އަޑުއެއްސެވީމެވެ. "އެއްވެސް އަޅަކު ފާފައެއްކުރެވުމުން ފުރިހަމައަށް ވުޟޫކުރުމަށްފަހު ދެރަކްޢަތް ނަމާދެއްކުރުމަށްފަހު ﷲއަށް އިސްތިޣުފާރު ކޮށްފިނަމަ އެމީހަކަށް ﷲތަޢާލާ ފާފަނުފުއްސަވާ އެއްވެސް އަޅަކުނުވެއެވެ. އެއަށްފަހު މިއާޔަތް ކިޔަވާވިދާޅުވިއެވެ. ("وَالَّذِينَإِذَافَعَلُوافَاحِشَةًأَوْظَلَمُواأَنْفُسَهُمْذَكَرُوااللَّهَفَاسْتَغْفَرُوالِذُنُوبِهِمْوَمَنْيَغْفِرُالذُّنُوبَإِلَّااللَّهُوَلَمْيُصِرُّواعَلَىمَافَعَلُواوَهُمْيَعْلَمُونَ")މާނައީ: އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކޮށްފިނަމަ، ނުވަތަ އެއުރެންގެ ނަފްސުތަކަށް އަނިޔާވެރިވެއްގެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) ﷲ ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުންއެދި ދުޢާކޮށް އުޅޭމީހުންނެވެ. ﷲފިޔަވައި ފާފަފުއްސަވާނީ ފަހެ ކާކުހެއްޔެވެ؟ އަދި، އެއުރެންދެނެތިބި ޙާލު އެއުރެންކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ." (3:135)
2.ދެވަނަ ޙަދީޘަކީ މުސްނަދު އަޙްމަދުގައިވާ ޙަދީޘެކެވެ. (ޙަދީޘް ނަމްބަރު:26998). މުސްނަދު އަޙްމަދުގެ މުޙައްޤިޤުން ވިދާޅުވަނީ މިޙަދީޘުގެ ސަނަދަކީ ޙަސަން ދަރަޖައިގެ ސަނަދެއްކަމަށެވެ. އަދި އަލްބާނީ ވަނީ ސިލްސިލަތުއް އަޙާދީޘިއް ޞަޙީޙާގައި މީޙަދީޘް ހިމަނުއްވާފައެވެ.
عنأَبيالدَّرْدَاءِرضياللهعنهقال : سَمِعْتُرَسُولَاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَيَقُولُ :
(مَنْتَوَضَّأَفَأَحْسَنَوُضُوءَهُثُمَّقَامَفَصَلَّىرَكْعَتَيْنِأَوْأَرْبَعًا (شكأحدالرواة) يُحْسِنُفِيهِمَاالذِّكْرَوَالْخُشُوعَثُمَّاسْتَغْفَرَاللَّهَعَزَّوَجَلَّغَفَرَلَهُ)
.މާނައީ: ﷲ ތަޢާލާ ރުއްސުންލެއްވި އަބުއްދަރުދާއުގެ އަރިހުން ރިވާވެގެންވެއެވެ." ތިމަންކަލޭގެފާނު ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅުކުރައްވަނިކޮށް އަޑުއެއްސެވީމެވެ. "އެއްވެސް އަޅަކު ފާފައެއްކުރެވުމުން ފުރިހަމައަށް ވުޟޫކުރުމަށްފަހު ދެރަކްޢަތް ނަމާދެއް ނުވަތަ ހަތަރު ރަކުޢަތުގެ ނަމާދެއްކޮށްފައި( ރާވީއަށް ހަތަރުރަކުޢަތް ނުވަތަ ދެރަކުޢަތާއި މެދުވަނީ ޝައްކުއުފެދިފައެވެ.) ޛިކުރުކުރުމާއި ޚުޝޫޢަތްތެރިވުމުގައި ފުރިހަމަކޮށް އެއަށްފަހު ﷲ ތަޢާލާއަށް އިސްތިޢްފާރުކޮށްފިށްފިނަމަ އޭނައަށްފާފަ ފުއްސަވާނެވެ."
ތައުބާ ނަމާދުގެ ވަގުތު
މުސްލިމަކަށް ފާފައެއްކުރެވި އެފާފައިން ތައުބާވުމަށް ޤަސްދުކޮށް ތައުބާ ނަމާދުކުރުން މުޞްތަހައްބުވެގެން ވެއެވެ. ތައުބާ ނަމާދަކީ ހުރިހާ ވަގުތެއްގައިވެސް ކުރެވިދާނެ ނަމާދެކެވެ. އެއީ ސަބަބަކާއިހުރެ ކުރުވޭނަމާދަކަށްވާތީއެވެ. އެހެންކަމުން ސަބަބަކާއި ހުރެކުރުވޭ ނަމާދު ހުރިހާ ވަގުތެއްގައިވެސް ކުރުން މަޝްރޫޢަވެގެން ވެއެވެ. (ކޭތަނަމާދު، އިސްތިޚާރާ ނަމާދު އަދި ވުޟޫގެ ދެރަކުޢަތްނަމާދު ފަދަ ނަމާދުތަކެވެ)
ތައުބާ ނަމާދުގެ ސިފަ
ކޮންމެ އަޅުކަމެއްގައިވެސް ނިޔަތަކީ ޝަރުޠެކެވެ. ނިޔަތަކީ ޤަސްދުކުރުމެވެ. ﷲ ތަޢާލާ އަށް ތައުބާވުމުގެ ގޮތުން ދެރަކުޢަތް ނަމާދެއް ކުރަން ނިޔަތްގަތުމުން ފުދޭނެވެ. ދުލުން ނިޔަތް ކިޔާކަށެއް ކޮންމެހެން ނުޖެހޭނެވެ.
އަބޫބަކުރުގެފާނުގެ ޙަދީޘުގައިވާ ފަދައިން ތައުބާ ނަމާދުގައިވަނީ ދެރަކުޢަތެވެ. ތައުބާ ނަމާދުކުރުން މަޝްރޫޢަވެގެންވަނީ ޖަމާޢަތަކުނޫނެވެ. އެނަމާދަކީ ނަފްލު ނަމާދުތަކުގެ ތެރެއިން ޖަމާޢަތުގައި ކުރުން މަޝްރޫޢަވެގެންވާ ނަމާދެއްނޫނެވެ. އަދި ތައުބާވާ މީހާގެ މައްޗަށް ގިނަގިނައިން އިސްތިޢްފާރުކުރުން އެދެވިގެން ވެއެވެ.
ތައުބާ ނަމާދުގައި ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމްގެ އަރިހުން، ވަކި ޚާއްޞަ ސޫރަތެއް ކިޔެވުން ވާރިދުވެގެން އައިސްފައިނުވެއެވެ. ނަމާދުކުރާމީހާ ބޭނުން ސޫރަތެއް ކިޔެވިދާނެވެ. އަދި ތައުބާނަމާދުކޮށް ނިމިގެން ތައުބާވުމުގެ ގޮތުން ޚާއްޞަ ދުޢާއެއް ވާރިދުވެގެން އައިސްފައެއްނުވެއެވެ. ޤުރުއާނުންނާއި މާތް ނަބިއްޔާގެ ޞައްޙަ ޙަދީޘްފުޅުތަކުން އައިސްފައިހުރި ދުޢާތައް ކުރުން މޮޅުއިތުރުވެގެންވެއެވެ. ނުވަތަ ދުޢާކުރާމީހާ އަމިއްލައަށް އަމިއްލަބަހުން ދުޢާކުރިއަސް މައްސަލައެއްނެތެވެ.
ތައުބާ ނަމާދުކޮށް ނިމިގެން ހެޔޮޢަމަލުތައްކުރުމުގައި އަވަސްވެގަތުން މުޞްތަޙައްބުވެގެން ވެއެވެ. ﷲ ތަޢާލާ ޠާޙާ ސޫރަތުގެ 82 އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. (وَإِنِّي لَغَفَّارٌ لِمَنْتَابَ وَآمَنَ وَعَمِلَ صَالِحاً ثُمَّ اهْتَدَى ). މާނައީ:"ތައުބާވެ އީމާންވެ ޞާލިޙުޢަމަލުކޮށް، ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަން ކަށަވަރެވެ".
އެގޮތުން ޞަދަޤާތްކުރުމީ ތައުބާވާން ބޭނުންވާ މީހާ ކުރުން އެންމެ މާތް ހެޔޮ އެއްޢަމަލެވެ. ޞަދަޤާތްކުރުމީ ފާފަތަކުގެ ކައްފާރާއެކެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. (إِنْ تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ وَإِنْ تُخْفُوهَا وَتُؤْتُوهَا الْفُقَرَاءَ فَهُوَ خَيْرٌ لَكُمْ وَيُكَفِّرُ عَنْكُمْ مِنْ سَيِّئَاتِكُمْ ) މާނައީ :"ވާޖިބުނޫން ޞަދަޤާތް ތިޔަބައިމީހުން ފާޅުގައި ދެނީނަމަ ފަހެ އެއީ ނުހަނު މޮޅު ގޮތެކެވެ. އަދި ތިޔަބައިމީހުން ވަންހަނާކޮށް އެޞަދަޤާތްތައް ފަޤީރުންނަށް ދެނީނަމަ ތިޔަބައިމީހުންނަށް އެކަމުގެ ހެޔޮކަން މާބޮޑެވެ. އަދި އެއީ ތިޔަބައިމީހުންގެ ކުއްތަކުން ބައެއް ތިޔަބައިމީހުންގެ ކިބައިން އެއިލާހު ފުއްސަވާނެކަމެކެވެ".واللهأعلم