ތަވްޙީދަކީ ކޮބާ؟ ތަފްސީލުކޮށް ބަޔާންކޮށްދީފާނަންތޯ؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد
ތަވްޙީދުގެ މާނައަކީ:ﷲ އެއްކައުވަންތަ ކުރުމެވެ. ނުވަތަ ﷲ ގެ އުލޫހިއްޔަތުގައްޔާއި ރުބޫބިއްޔަތުގައި އަދި އެކަލާނގެ އިސްމުފުޅުތަކުގައްޔާއި ޞިފަފުޅުތަކުގައި ބައިވެރިޔަކު ނުވާ ކަން ތެދުހިތުން ގަބޫލު ކުރުމެވެ.
އުލޫހިއްޔަތޭ ބުނެވުނު ބަހުގެ މާނައަކީ: ﷲ މެނުވީ ޙައްގުވެގެން އަޅުކަންވެވޭ ފަރާތެއް ނުވާކަން ގަބޫލު ކުރުމެވެ. އަދި މުޙައްމަދު-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަކީ އެކަލާނގެ ނަބިއްޔާ އަދި ރަސޫލާ ކަމަށް ތެދު ހިތުން ގަބޫލު ކުރުމެވެ. މާތް ﷲ ސޫރަތުލް އިޚްލާޞް ގެ 1 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ (قل هو الله أحد) މާނައަކީ: "ކަލޭގެފާނުވިދާޅުވާށެވެ. އެއީ އެއްކައުވަންތަ މާތް ﷲ އެވެ".
އަދިވެސް ވަޙީ ކުރައްވައެވެ. (وَإِلَهُكُمْ إِلَهٌ وَاحِدٌ لا إِلَهَ إِلا هُوَ الرَّحْمَنُ الرَّحِيمُ)މާނައަކީ: " ތިޔަބައިމީހުންގެ ކަލާނގެއީ، އެއްކައުވަންތަ ކަލާނގެ އެވެ. އެކަލާނގެ އަށް މެނުވީ ޙައްގުވެގެން އަޅުކަންވެވޭ ފަރާތެއްނުވެއެވެ. އެއީ، އެންމެހައި ކުދިބޮޑު ނިޢުމަތް ދެއްވާ ރަޙްމަތްވަންތަ އިލާހެވެ". (ސޫރަތުލް ބަގަރާ ގެ 163 ވަނަ އާޔަތް).
މުޢާޛް ބިން ޖަބަލު-ރަޙިމަހުﷲ- ޔަމަން އަށް ޙާކިމެއްގެ ގޮތުން ފޮނުއްވަމުން ކީރިިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (" إِنَّكَ تَقْدَمُ عَلَى قَوْمٍ مِنْ أَهْلِ الْكِتَابِ فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَى أَنْ يُوَحِّدُوا اللَّهَ تَعَالَى فَإِذَا عَرَفُوا ذَلِكَ فَأَخْبِرْهُمْ أَنَّ اللَّهَ قَدْ فَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي يَوْمِهِمْ وَلَيْلَتِهِمْ فَإِذَا صَلَّوْا فَأَخْبِرْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ زَكَاةً فِي أَمْوَالِهِمْ تُؤْخَذُ مِنْ غَنِيِّهِمْ فَتُرَدُّ عَلَى فَقِيرِهِمْ فَإِذَا أَقَرُّوا بِذَلِكَ فَخُذْ مِنْهُمْوَتَوَقَّ كَرَائِمَ أَمْوَالِ النَّاسِ)މާނައަކީ: "ކަލޭގެފާނު ތިޔަވަޑައިގަންނަވަނީ އަހްލުކިތާބީންގެ ބައެއްގެ ތެރެއަށެވެ. ކަލޭގެފާނު އެމީހުންނަށް އެންމެފުރަތަމަވެސް ގޮވާލާ ކަމަކީ ﷲ އެއްކައުވަންތަ ކުރުން ކަމުގައި ހަދާށެވެ. އެބައިމީހުން ﷲ އެއްކައުވަންތަކަން ގަބޫލުކޮށް އެގޮތަށް ޢަމަލުކޮށްފިނަމަ، ރެއަކާއި ދުވާލު ފަސްނަމާދު އެބައިމީހުންގެ މައްޗަށް ފަރްޟުވެގެންވާކަން އަންގަވާށެވެ. އެބައިމީހުން ފަސްނަމާދު އަދާކޮށްފިނަމަ އެބައިމީހުން ގެ މުއްސަދިންގެ އަތުން ނެގި ފަގީރުންނަށް ރައްދުކުރެވޭ ޒަކާތެއް މާތް ﷲ ފަރްޟު ކުރައްވާފައިވާ ކަން އަންގަވާށެވެ. އެބައިމީހުން އެގޮތަށް އެކަމަަށް ރުހިއްޖެނަމަ އެބައިމީހުންގެ އަތުން ޒަކާތް ނަގާށެވެ. އަދި މީސްތަކުން ގެ މުދަލުގެ ތެރެއިން މެދުފަންތީގެ މުދަލުން ޒަކާތް ނެރުއްވާާށެވެ".
އިބްނު ޢުމަރު- ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެ އެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.(بُنِيَ الإِسْلامُ عَلَى خَمْسَةٍ : عَلَى أَنْ يُوَحَّدَ اللَّهُ ، وَإِقَامِ الصَّلاةِ وَإِيتَاءِ الزَّكَاةِ وَصِيَامِ رَمَضَانَ وَالْحَجِّ)މާނައަކީ: "އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ. އެއީ، ﷲ އެއްކައުވަންތަ ކުރުމާއި، ނަމާދު ގާއިމް ކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާންމަހު ރޯދަހިފުމާއި، ޙައްޖުވުމެވެ".
އިސްވެދިޔަ ނައްޞުތަކުން ދޭހަވާ ގޮތުގައި މުސްލިމަކަށް ވުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ﷲ ގެ އުލޫހިއްޔަތު ނުވަތަ އެކަލާންގެ ފިޔަވާ ޙައްގުވެގެން އަޅުކަންވެވޭ އެހެންފަރާތެއް ނުވާކަން ތެދުހިތުން ގަބޫލުކޮށް، މުޙައްމަދު-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ނަބީކަމާއި ރަސޫލުކަން ގަބޫލު ކުރުމެވެ.
ރުބޫބިއްޔަތޭ ބުނެވުނު ބަހުގެ މާނައަކީ އިންސާނުން ހައްދަވައި، ދިރުއްވައި، ފުރާނަ ގެންދަވާ، ކަންކަން ތަދްބީރު (ރާއްވަވާ) ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ކަން ގަބޫލުކުރުމެވެ. އަދި މި ކައުނުގައިވާހާ ތަކެއްޗެއް މިލްކުވެ ވޮޑިގެންވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ކަން ގަބޫލުކުރުމެވެ. އިންސާނުން އުފެއްދެވުމުގައި ނުވަތަ މިކައުނުގައިވާ ތަކެތީގެ މިލްކުވެރިކަމުގައި ﷲ އާއި އެކު ބައިވެރިޔަކު ވާ ކަމަށް ގަބޫލުކޮށްފިނަމަ އެމީހެއްގެ ތަވްޙީދުއް ރުބޫބިއްޔަތު ނެތިގެން ދިޔައީ އެވެ.
ރަސޫލު ޒަމާނުގެ މުޝްރިކުން އިޖްމާލީ ގޮތުގައި ﷲ ގެ ރުބޫބިއްޔަތު ގަބޫލު ކުރެއެވެ. އޭގެ ދަލީލަކީ ސޫރަތުލް ޢަންކަބޫތުގެ 63 ވަނަ އާޔަތެވެ.(وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ فَأَنَّى يُؤْفَكُون)މާނައަކީ: "އުޑުތަކާއި ބިން ހައްދަވައި ޚަލްގުކުރައްވައި، އަދި އިރާއި ހަނދު ތަސްޚީރު ކުރެއްވީ ކާކުކަމަށް، ކަލޭގެފާނު ކާފިރުންނާއި ސުވާލުކުރައްވައިފިނަމަ، ހަމަކަށަވަރުން އެބައިމީހުން ބުނާނެތެވެ. އެއީ މާތް ﷲ އެވެ. ފަހެ އެކަލާނގެ ޚަލްގު ކުރެއްވުމާއި، ތަސްޚީރު ކުރެއްވުމަށް އިޢްތިރާފްވެފައި، އެކަލާނގެ ޙަޟްރަތަށް އަޅުކަންކޮށް އުލޫހިއްޔަތު ގަބޫލު ނުކުރަނީ ކިހިނެެއް ހެއްޔެވެ".
އަދިވެސް އެބައިމީހުންގެ ވާހަކަ ބަޔާން ކުރައްވަމުން ސޫރަތުލް ޒުޚްރުފްގެ 87 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَلَئِنْ سَأَلْتَهُمْ مَنْ خَلَقَهُمْ لَيَقُولُنَّ اللَّهُ فَأَنَّى يُؤْفَكُون)މާނައަކީ: "އެމީހުންކުރެ އެމީހުން ހެއްދެވީ ކާކުތޯ ކަލޭގެފާނު ސުވާލުކުރައްވައިފިނަމަ އެބައިމީހުން ބުނާނެތެވެ. މާތް ﷲ އެވެ. ދެންފަހެ، އެމީހުން އިންކާރުކޮށް ކުފުރުވަނީ ކީއްވެހެއްޔެވެ".
މިއާޔަތް ތަކުގައި މާތް ﷲ ބަޔާންކޮށްދެއްވާފައިވަނީ މައްކާގެ މުޝްރިކުން އެބައިމީހުން ހެއްދެވީ ﷲ ކަމާއި، އަދި ދުނިޔޭގެ ކަންތައް ތަދްބީރު ކުރައްވާ ހިންގަވަނީ ﷲ ކަން ގަބޫލު ކުރާކަމެވެ. އެހެންނަމަވެސް، އެބައިމީހުން އަޅުކަން ކުރުމުގައި މާތް ﷲ އެއްކައުވަންތަ ނުކުރެއެވެ. އޭގެ ސަބަބުން އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވެގަތެވެ. ސަބަބަކީ ހުރިހާ ޚަލްގުތަކެއް ހެއްދެވި ފަރާތަށް އަޅުކަން ޚާލިޞް ކުރަން ޖެހޭ އިރުގައިވެސް އެކަން ނުކުރުމުންނެވެ.
އިސްމުފުޅުތަކާއި ޞިފަފުޅުތަކުގެ ތަވްޙީދަކީ: ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޚާއްޞަވެގެންވާ އިސްމުފުޅުތަކާއި ޞިފަފުޅުތަކެއްވާކަން ގަބޫލުކުރުމެވެ. އަދި އެޞިފަ ފުޅު ތަކާއި އެެއްގޮތް އެހެން އެއްވެސް ފަރާތެއް ނުވާކަން ގަބޫލުކުރުމެވެ. އެހެންކަމުން މިވައްތަރުގެ ތަވްޙީދު ދެބަޔަކަށް ބެހިގެންވެއެވެ. އެއީ:
- އަލްއިޘްބާތް: ނުވަތަ ﷲ އާއި ރަސޫލާ، ﷲ އަށް ޘާބިތުވާކަމަށް ބަޔާންކޮށްދެއްވާފައިވާ ޞިފަފުޅުތައް އައިސްފައިވާ ގޮތަށް އެޔަށް ބަދަލެއް ގެނައުމެއް ނެތި، އަދި އެޞިފަ ވަކިފަރާތެއްގެ ޞިފަ އަކާއި ވައްތަރުކުރުމެއް ނެތި ޘާބިތު ކުރުމެވެ. އަދި އެޞިފަ އަކީ ކިހިނެއްވާ އެެއްޗެއްތޯ ބެލުމެއް ނެތިއެވެ.
- އައްތަންޒީހް: ނުވަތަ އެންމެހައި ޢައިބު ޞިފަތަކުން ﷲ ހުސްޠާހިރުވޮޑިގެންވާ ކަން ގަބޫލުކުރުމެވެ. ﷲ އަށް ޚާއްޞަ ޞިފަފުޅުތަކަކީ އިންސާނުންގެ ޞިފައާއި އެއްގޮތް ޞިފައެއް ނޫންކަން ގަބޫލުކުރުމެވެ. ﷲ ވަޙީ ކުރެއްވިއެވެ. (لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيْعُ الْبًصِيْرُ)މާނައަކީ: "ﷲ އާއި އެއްފަދަ އެހެން އެއްވެސް ކާއިނެއް ނުވެއެވެ. އަދި އެކަލާނގެއީ އައްސަވައިވޮޑިގެންވާ ބައްލަވާވޮޑިގެންވާ އިލާހެވެ". (ސޫރަތުލް ޝޫރާ ގެ 11 ވަނަ އާޔަތް).
މިއާޔަތުގައި މާތް ﷲ އެވަނީ އެކަލާނގެ ޚަލްގުތަކުންނާއި އެއްފަދަނޫންކަން ބަޔާންކޮށްދެއްވާފައެވެ. އަދި އެކަލާނގެ ޛާތުފުޅަށް ލާއިގުވެގެންވާ ފުރިހަމަ ޞިފަތައް ޘާބިތުކޮށް ދެއްވާފައެވެ. واللهأعلم