އަނދިރި، ކުޑަ ގޮޅި އަކުން ސަލާމަތް ވެ، އިންސާފު ލިބުނީތީ ހަމްދުކުރާ ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެއެވެ.

މިއަދު އަދީބު މިނިވަންވެވަޑައިގަތުމަށްފަހު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ ޖަލުގައި ހޭދަކުރީ އެކަނިވެރި ދުވަސްތަކެއް ކަމަށެވެ. އަދި އެ އަނދިރި، ކުޑަ ގޮޅިން ސަލާމަތް ވެ އިންސާފު ލިބުނީތީ ހަމްދު ކުރާ ކަމަށް އަދީބު ވިދާޅުވިއެވެ.

އެ ކުޑަ ގޮޅީގައި އެކަނި އަނދިރީގަ. ބަލި ހާލުގަ. އެތައް އަހަރުތަކެއް ވަންދެން އެންމެ ގިނައިން މި އަޅާ ކުރި ދުއާ އިޖާބަކޮށްދެއްވާ، އިންސާފް ހޯދާ ދެއްވާ މި އަޅާ ސަލާމަތް ކޮށްދެއްވި މާތް ﷲ އަށް ހަމްދާ ޝުކުރު ކުރަން. އަލްހަމްދުލިއްލާހި
އަދީބު

އަދީބުގެ އިތުރުން، އޭނާ މިނިވަން ވުމާއި ގުޅިގެން އޭނާގެ އަނބިކަނބަލުން، މަރިޔަމް ނަޝްވާ ވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެގޮތުން، ނަޝްވާ ވިދާޅުވީ، ހަތަރު އަހަރުގެ ދިގު އިންތިޒާރަކަށް ފަހު، އަދީބަށް އިންސާފު ލިބިވަޑައިގަތުމުން ޝުކުރު ކުރާ ކަމަށެވެ.

އަދީބުގެ މައްޗަށް އިއްވާފައިވާ އަށް އަހަރު ދުވަހުގެ ޖަލު ހުކުމް މިއަދު ހައިކޯޓުން ބާތިލްކުރުމާއެކު އޭނާ މިނިވަން ވެވަޑައިގެންފިއެވެ. މިއަދު ހައިކޯޓުން ބާތިލް ކުރި މައްސަލައަކީ މާބިން ހުރާ މައްސަލައިގައި، ކޮރަޕްޝަންގެ ތުހުމަތު ސާބިތުވެގެން އިއްވި ޖަލު ހުކުމެކެވެ. އަދީބުގެ މައްޗަށް މިދިޔަ ސަރުކާރުގައި 33 އަހަރުގެ ޖަލުހުކުމް އިއްވާފައިވެއެވެ. އެއީ ފިސްތޯލު މައްސަލައިގަިއި އިއްވި 10 އަހަރުގެ ޖަލު ހުކުމާއި، ރިޔާސީ ލޯންޗުކޮޅު މައްސަލައިގައި އިއްވި 15 އަހަރުގެ ޖަލު ހުކުމެވެ.

އަދީބު އަށް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2016 ގައި ހުކުމްކުރީ ޅ. މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވިކަން ސާބިތުވުމުންނެވެ. އެ މައްސަލާގައި އަދީބާ އެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް އަށް އަހަރުގެ ޖަލުހުކުމެއް އައި އިރު، މި މައްސަލައިގައި ހާމިދު އިސްމާއިލް (ހާމިދު ސޭޓް) އަށް ދެ އަހަރުގެ ޖަލުހުކުމެއް އައެއްވެ.

ހައިކޯޓުން މިއަދު އަދީބުގެ ހުކުމް ބާތިލްކޮށް ނެރުނު ހުކުމްގައި ބުނެފައިވަނީ އެކެއް ފެބުރުއަރީގެ އަމުރުގައި ބައެއް މައްސަލަތައް ހާއްސަކޮށް ސިޔާސީ ފަރާތަކަށް ކުރި ޓެރަރިޒަމްގެ ދައުވާތަކަކީ ސިޔާސީ ނުފޫޒުގައި ގާނޫނު އަސާސީއާ ހިލާފަށް އުފުލާފައިވާ ދައުވާތަކެއްކަމަށެވެ. އަދި އެ އަމުރުގެ ބައެއް ބައިތައް ސުޕްރީމް ކޯޓުން ފަހުން ބާތިލް ކުރިޔަސް، ނުފޫޒު ފޯރުވައިގެން އިޖްރާއާތުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމްތައް ކަމަށް ބުނެ އަމުރުގައި އޮތް ބައި ބާތިލް ކޮށްފައި ނެތް ކަމަށް އެ ހުކުމުގައިވެއެވެ.

އަދީބު ޖަލުހުކުމްތަކުން މިނިވަންވި ނަމަވެސް، އަދިވެސް އޭނާ ހުންނެވީ ގޭ ބަންދުގައެވެ.