ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މައްކާ އަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި އުމްރާއެއް ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް މައްކާއަށް ވަޑައިގަތުމުން ސައުދީ ސަރުކާރުންނާއި، ސަރުކާރުގެ އިސްފަރާތްތަކުން ވަނީ ރައީސް ސޯލިހަށް ހޫނު ތަހުނިޔާއެއް ދަންނަވާފައިކަަމަށެވެ. ރައީސް މައްކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މައްކާގައި ބޭވުމަށް ހަަޖެހިފައިވާ "އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް" ގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އަދި މައްކާއަށް ކުރައްވާ ދަތުރުފުޅުގައި އުމްރާއެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ސަމިޓަކީ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކާ ބެހޭގޮތުން އިސްލާމީ ގައުމުތަކުގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާކުރުމަށް ބާއްވާ ސަމިޓެކެވެ. މިގޮތުން މިއަދު ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ އަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާބެހޭ ގޮތުން މި ސަމިޓްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސައުދީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ސޯޝަލް މީޑިއާ

1969 ގައި އޯއައިސީ އުފެދުމާއެކު އެޖަމާއަތް ވެގެން ގޮސްފައި ވަނީ މުޅި މުސްލިމް އުންމަތުގެ އަޑު އިއްވައިދޭ ފަރާތްކަމުގައެވެ. ބިލިޔަނަކަށްވުރެ ގިނަ މުސްލިމުން ތަމްސީލުކުރުމަށް އޯއައިސީގައި މިހާރު 57 މެންބަރު ގައުމު ބައިވެރިވެއެވެ. މުސްލިމު އުންމަތަށް އެންމެ މުހިންމު ކަންކަމާމެދު މަޝްވަރާކުރުމަށް އޯއައިސީގެ ބައްދަލުވުން ބާއްވަމުން އަންނަނީ ކޮންމެ 3 އަހަރަކުން އެއްއަހަރުއެވެ.

އޯއައިސީ ސަމިޓަކީ ސައުދީއާއެކު ހާރިޖީ ގުޅުންތައް ވަރުގަދަކޮށް ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއަށް މަގުފަހިވެގެންދާ ފުރުސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ރައީސް ސައުދީއަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.